ޚަބަރު

މިސްކިތްތައް ލަސްވާ މައްސަލަ، ހާއްސަ އިސްކަމެއް ދީގެން މިދަނީ ބަލަމުން: މިނިސްޓްރީ

އިބްރާހިމް ޒަކީ

މާލޭގައި އިމާރާތް ކުރަމުންދާ މިސްކިއްތަކުގެ ތެރެއިން ބައެއް މިސްކިއްތައް ނުނިމި ލަސްވަމުންދާތީ އެކަން ހައްލުކުރުމަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިސްލާމިކު މިނިސްޓްރީިން ބުނެފިއެވެ.

މީޑިއާއަށް އެކަމާބެހޭ މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިއްތައް ނިންމުން ލަސްވަމުންދާ މައްސަލަ ހައްލު ކުރުމަށް އެތަންތަން އިމާރާތްކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭގައި މިހާރު އިމާރާތް ކުރަމުންދާ މިސްކިއްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތައް ބަލާއިރު، މާފަންނު އާމިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ އެމިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތެވެ.

އޭގެ އިތުރުން މާވެޔޮ މިސްކިތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. މި މިސައްކަތްތަކުގެ ތެރޭގައި ގްލާސް ޕެނަލްތައް ހަރުކުރުމާއި ކަރަންޓް ސްވިޗްތަކާއި ސެޓްތައް ހަރުކުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ކުލަ ލާނުނިމި ހުރި ތަންތަނުގައި ކުލަލުމާއި، ކާޕެޓް އެޅުމާއި ކެލިގްރަފީގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.