އިބްރާހިމް ޒަކީ
އިއްޔެ ބޭއްވި އިނގިރޭސިވިލާތުގެ އާއްމު އިންތިހާބު ކާމިޔާބު ކުރެެއްވި، ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއެކު ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެގައުމުގެ ގުޅުން ބަދަހި ކަމާއެކު ދާނީ ކުރިއަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އިންތިހާބު ގައި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކޮންޒާވެޓިވް ޕާޓީން ޕާލިމެންޓުގެ ބޮޑު އަގުލަބިއްޔަތެއް ކާމިޔާބު ކުރުމާ ގުޅިގެން ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވިދާޅުވީ، އިނގިރޭސި ވިލާތަކީ ރާއްޖޭން ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރި ގައުމު ކަމަށާއި، އެއީ 1965 ވަނަ އަހަރު ކަމަށެވެ. އަދި އެއިރުން ފެށިގެން މިހާތަނަށް އައިއިރުވެސް އެ ބަދަހި ގުޅުން ދެމިއޮތްކަން މުހިއްމު ކަމާއެކު ރައީސް ފާހަގަ ކުރައްވާފައިވެއެވެ.
އިނގިރޭސި ވިލާތުގައި އިއްޔެ ބޭއްވި އިންތިހާބުގައި 650 ދާއިރާއަކަށް މެމްބަރުން ހޮވާފައިވާއިރު، ނަތީޖާ ދައްކާގޮތުން ޕާލިމެންޓުގެ އަގުލަބިއްޔަތު ހޯދުމަށް ބޭނުން 326 ގޮނޑިއަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، ޖުމްލަ 364 ގޮނޑި ހޯދާނެ ކަމަށް ވަނީ ބެލެވިފައެވެ.