ޚަބަރު

އިސްލާހު ކުރުމުގެ ނިޔަތުގައިވިޔަސް މީހުންގެ އަބުރާއި ޝަރަފް ނަގާލައި ސިއްރު ހާމަ ކުރުމަކީ ފަސާދަކުރުން: ހުތުބާ

އިބްރާހިމް ޒަކީ

ކަންކަން އިސްލާހު ކުރުމުގެ ނިޔަތުގައި ވިޔަސް އެއްބަޔަކު އަނެއް ބައެއްގެ އަބުރާއި ޝަރަފް ނަގާލުމާއި، ސިއްރުތައް ހާމަ ކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަ ކުރުން އާއްމުވެގެން ދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ފިތުނަ ފަސާދައިން ދުރުވެ، އުހުއްވަތްތެރިކަމާއި ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން، ހާމަކޮށް އެކުލަވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، މިއީ ދުނިޔޭގެ ކަންކޮޅުތަކުގައި ލޭ އޮހޮރުވުމާއި، ބައިބައިވުމާއި، ދެކޮޅުވެރިކަން، އާއްމުވަމުންދާ ދުވަސްވަރެއް ކަމަށެވެ.

"ސިޔާސީ ފިތުނަތަކާއި، އިގުތިސާދީ ހީނަރުކަމާއި، މަގާމާއި، ނުފޫޒާއި، ޖާހަތައްޓަކައި، ހަނގުރާމަ ކުރުމާއި، އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސއްކަތްކުރާ ދުވަސްވަރެއް،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މިފަދަ ފިތުނަވެރިކަމުގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއްގައި އަޅުގަނޑުމެން ފަދަ ޖަޒީރާ ގައުމުތަކަށް މިކަންކަން ވާރުތަ ނުވޭތޯ، ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ނޫންނަަ އަޅުގަނޑުމެންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދު އަޅައި ފުނޑު ފުނޑުވެ، ނޭނގި ތިއްބައި އިސާހިތަކު ގައުމުގެ އެއްބައިވަންތަ ކަމާއި، ކުރިއެރުމާއި، އިގުތިސާދު، ހަލާކުވެ ދާނެ،" ހުތުބާގައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މާތް ﷲ ދެއްވި އެއްމެ މަތިވެރި އެއް ނިއުމަތް ކަމުގައިވާ ބުއްދީގެ އަހުލުވެރިން، އެފަދަ ނުރައްކާތެރި، ގެއްލުން ހުރި ފިތުނައިގެ ތޫފާނެއްގެ ތެރެއަށް ވަނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމުން ވާންޖެހޭނީ އަބަދުވެސް އިސްލާ ހަށާއި ސުލްހަވެރި ކަމަށް މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ. ޒާތީ މަސްލަހަތު ކުރިއަށްނެރެ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކަށް އަޅުގަނޑުމެން ވެގެންނުވާނެ ކަމަށާއި އިސްލާހަށްޓަކައި މަސައްކަތްކުރާހާ ހިނދަކު މަތް ﷲ އަޅުގަނޑުމެންނަށް އެކަމަށް ތައުފީގު ދެއްވާނެކަން ކަށަވަރު ކަމަށް މާތް ﷲގެ ވަހީބަސްފުޅުން ދަލީލު ދައްކައި ހުތުބާގައި ބުނެފައިވެއެވެ.

ބިންމަތީގައި ފަސާދަ އުފެދިއްޖެ ނަމަ މާތް ﷲ އެބައި މީހުންނަށް އުގޫބާތް ދެވާކަމަށާއި، އެއީ އެބައިމީހުން ﷲ ގެ ހަޒުރަތަށް ރުޖޫއާވޭތޯ، ކަމަށް މާތް ﷲ ވަހީކުރައްވާފައިވަ ވަހީބަސްފުޅުން ހުތުބާގައި ހަންދާންކޮށްދީފައިވެއެވެ.

"ގައުމެއްގައި އޮންނަ އެކުވެރިކަމާއި އުހުއްވަތްތެރިކަމުގެ ފޭރާން ވީދި ގައުމު ބައިބައިވެއްޖެނަމަ، ދެން އަލުން ކުރީގެ ހާލަތަށް އެނބުރި ދިއުމަކީ އުނދަނގޫ ކަމެއް، ލީބިޔާ، އާއި ފަލަސްތީނާއި، އިރާގާއި، އަފްޣާނިސްތާނާއި، ސީރިޔާ، އާއި ސޯމާލިޔާ، އާއި މިނޫންވެސް ބައެއް ގައުމުތަކަކީ އަޅުގަނޑުމެން ފަދަ ގައުމުތަކަށް ހުރި ދިރިހުރި މިސާލެއް،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އިސްލާމްދީނުގައި އަމުރު ކުރައްވާފައި ވަނީ ކަމުވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާކޮށްގެން ކަމަށެވެ.

ރައްޔިތުންނަަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ރައްޔިތުންގެ ކަންކަމާ ހަވާލު ވެފައިވާ މުއައްސަސާތަކުގެ ވެރިންގެ މެދުގައި ވާހަކަ ދައްކައި މަޝްވަރަކޮށްގެން ކަމަށްވެސް ބުނެފއިވެއެވެ.

އަދި ކޮންމެ ކަމެއްގެ ހައްލަކީ ޒުވާބުކޮށް، ތަޅާ ފޮޅުމާއި، އެއްބަޔަކު އަނެއްްބަޔަކަށް ހުތުރުބަހުން މުހާތަބު ކުރުމާއި، ކުށްހޯދުން ކަމުގައި ވަނީނަމަ، ހެދިބޮދުވަމުން އަންނަ ޒުވާން ޖީލުތަކަށް އެ ދައްކައިދެނީ ހުތުރު ނަމޫނާއެެއް ކަމަށްވެސް ބުނެފައިވެއެވެ.