ގައުމުގައި ހިނގާ ކޮރަޕްޝަންގެ އަމަލުތަކުގެ މައުލޫމާތުދޭ ފަރާތްތަކަށް ދޭން ޖެހޭ އެންމެ ފުރިހަމަ ގާނޫނީ ރައްކާތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.
ގަލޮޅު ސްޓޭޑިއަމްގައި މިއަދު ރައީސް ސޯލިހް ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަންތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތައް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.
"ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫޢުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު. އެކި ފަންތީގައި ހިންގި ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި،" ރައީސް ސޯލިހް ވިދާޅުވިއެވެ.
އިންސާފުގެ މަގަށް ކަންތައްތައް ގެންދިޔުމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ދައުލަތުގެ މުއައްސަސާތަކުގައި އަށަގަނެ "މޫ ލާފައިވާ" ކޮރަޕްޝަންގެ ސަގާފަތް ނައްތާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އިދާރާތަކަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަން ޖެހޭ ކަމަށެވެ.