ރެޑްބުލް ސަލްޒްބާގަށް ކުޅެމުން އަންނަ ޖަޕާން ފޯވަޑް ޓަކޫމީ މިނަމީނޯ ހޯދުމަށް ލިވަޕޫލުން މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
ލިވަޕޫލުން މިނަމީނޯ ހޯދުމަށް މަޝްވަރާ ބައްދަލުވުންތައް ފަށާފައިވާ ކަމަށް ސަލްޒްބާގްގެ ސްޕޯޓިން ޑިރެކްޓަރު ކިސްޓޮފް ފްރެއުންޑް ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އުމުރުން 24 އަހަރުގެ މިނަމީނޯ ވަނީ މިސީޒަނުގައި ސަލްޒްބާގަށް ކުޅުނު 22 މެޗުން ނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން އެޓީމުން ޖެހި 11 ލަނޑުގައި މިނަމީނޯގެ ހިއްސާ ބޮޑެވެ.
މެންޗެސްޓާ ޔުނައިޓެޑުން ވެސް މިނަމީނޯ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވޭ އިރު، މިހާރު މިނަމީނޯ ހޯދުމުގެ އެންމެ ކުރީގައި އުޅެނީ ލިވަޕޫލެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ޓްރާންސްފާ ހުޅުވާލާ އިރު، އެ އެއްބަސްވުން ނިމިގެންދާނެ ކަމަށް ބެލެވެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލްޒްބާގްގެ ސްޕޯޓިން ޑިރެކްޑަރު ފްރެއުންޑް ވިދާޅުވީ މިނަމީނޯގެ ޓްރާންސްފާގެ ކަންތަކުގައި ލިވަޕޫލުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ބޮޑެތި ކްލަބުތަކުން ސްލްޒްބާގްގެ ކުޅުންތެރިންނަށް ޝައުގުވެރިކަން ފާޅުކުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ލިވަޕޫލާއި ސަލްޒްބާގް ބައްދަލުކުރި ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގެ ފުރަތަމަ ހާފުގައި މިނަމީނޯ ފެނިގެންދިޔައީ ނުރައްކާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ ހާފުގައި އޭނާ ވަނީ ލިވަޕޫލުގެ ގޯލަށް ނުރައްކާކޮށް، މޮޅު ކުޅުމެއް ދައްކައިފައެވެ. ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން އެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރިން ގްރޫޕު ސްޓޭޖުގައި އެ ދެ ޓީމު ކުރިމަތިލީ ފުރަތަމަ މެޗުގައި ވެސް މިނަމޯނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މެޗުގައި އާލިންގް ބްރޯޓް ހާލަންޑާއި ހުވަން ހީ ޗޭން އަދި މިނަމީނޯއާއެކު ސަލްޒްބާގްގެ ފޯވަޑް ލައިން ފެނިގެންދިޔައީ ވަރަށް ނުރައްކާކޮށެވެ. ލިވަޕޫލް އަތުން 4-3ގެ ނަތީޖާއަކުން ސަލްޒްބާގް ބަލިވި އެ މެޗުގައި މިނަމީނޯ ވަނީ ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިނަމީނޯ ހޯދުމަށް ލިވަޕޫލުން ވަނީ 7.25 މިލިއަން ޕައުންޑް ހުށަހަޅައިފައެވެ.