ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން މާރިޔާއާއި މަހްލޫފް އިސްތިއުފާ ދެއްވައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ދާދި ދެންމެއަކު ދެ ބޭފުޅުންވެސް އިސްތިއުފާ ދެއްވާފައިވާ ކަން އާންމުކޮށްފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ.

މަރިޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ. އަދި ސިޔާސީ މާހައުލަށް ތައާރަފުކޮށްދެއްވުމާ ގުޅިގެން ކ. އަތޮޅުގެ ރައްޔިތުންނާ އެހެން ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ އޭނާއަށް ހުރިހާ ކަމެއް ކުރުމުގެ ހިތްވަރު ލިބިފައިވަނީ އާއިލާއާއި އެކުވެރިންނާއި އެމްޑީޕީގެ އިތުރުން ހުރިހާ ރައްޔިތުންގެ ފަރާތުން ކަމަށެވެ.

މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން އޭނާއަށް ކުރާ އިތުބާރާއި ދެއްވި ތާއީދާއި ލޯތްބަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި މާރިޔާއާއި މަހްލޫފް ހިމެނިވަޑައިގަންނަވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.