ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
މި ބައްދަލުވުމަކީ މިއަހަރު އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމާ އެއްގޮތުގެ މަތިން ކަންކުރަންވީގޮތް މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ކަންކުރާނެ އެންމެ ރަނގަޅު ގޮތެއް މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުން މަޝްވަރާކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އެގޮތުން މި ބައްދަލުވުމުގައި ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ގުޅިގެން ދެމެހެއްޓެނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ މާހައުލާއި، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި، ރައްކާތެރިކޮށް މަޝްރޫއު ހިންގުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒާއި މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ، މެރިން ރިސަރޗް އިންސްޓިޓިއުޓް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ، ވެއިޓް އިންސްޓިޓިއުޓް، ޕާޓްނަރޝިޕް އޯގަނައިޒޭޝަން، ސްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޮލޮޖީ، ޕްރިސްޓިން ސީސް އަދި ނެކްޓަން އިން ބައިވެރިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުވުމުގައި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަނޑުތަކާބެހޭ ދިރާސާތައްކު ރުމަށާއި، ކަނޑުފަޅުގެ ބައެއް ސަރަޙައްދުތައް ރައްކާތެރިކުރުމަށާއި، މެރިޓައިމް ސްޕޭޝާލް ޕްލޭނެއް އެކުލަވާލުން ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.