ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި އެޓާނީ ޖެނެރަލް (އޭޖީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އަނިލް އެ މަގާމުގައި ހުންނަވައިގެން ރިޝްވަތު ނެންގެވި ކަމުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އޭސިސީގެ އޮފިޝަލް ވިދާޅުވީ އެ މައްސަލަތައް އޭސީސީއަށް ހުށަހެޅީ އިއްޔެ ކަމަށެވެ. ނަމަވެސް އެކަމާބެހޭ ތަފްސީލް ދެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިލްއާ ބެހޭ ކޮރަޕްޝަންގެ ތިން މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް އިއްޔެ ވަނީ ހުށަހަޅައިފައެވެ.
އޭގެ ތެރޭގައި މެލޭޝިއާ އިން ކާރަކާއި ގެއެއް ބައްލަވައި ގަތުމަށް ކުރީގެ ނާއިބުރައީސް އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސްކޮށް ހުންނެވި އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ އަތުން 22 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބުނާ މައްސަލައެއް ހިމެނެއެވެ.
އޭގެ އިތުރުން ނުފޫޒު ބޭނުންކޮށްގެން މީހުންނަށް ވަޒީފާ ދިނުމާއި، އޭރުގެ ކޯލީޝަން ޕާޓްނަރުގެ ގޮތުގައި އޮތް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމު ގްރޫޕަށް ޗައިނާގެ އެގްޒިމް ބޭންކުން ލޯން ހޯދަން ސޮވެރިން ގެރެންޓީ ދިނުމުގެ މައްސަލަ ވެސް އޭގެ ތެރޭގައި ހިމަނައިގެން ހުށަހަޅާފައިވެއެވެ.
މެލޭޝިއާއިން ކާރަކާއި ގެއެއް ބައްލަވައި ގަތުމަށް އަދީބުގެ އަތުން 22 މިލިޔަން ރުފިޔާ ކޮރަޕްޝަންގެ ގޮތުގައ ނަގާފައިވާ ކަމަށް އޭސީސީއަށް ހުށަހެޅި މައްސަލައި ގައި ހިމަނާފައިވައިރު، ނުފޫޒު ބޭނުންކޮށްގެން މީހުންނަށް ވަޒީފާ ދިނުމާބެހޭގޮތުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މަގާމަށް ޝަރުތު ހަމަނުވާ ސްޓޭޓް އެޓާނީން އޭޖީ އޮފީހަށް ލައްވާފައިވާ ކަމަށާއި އެކަން ކުރައްްވާފައިވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމްގެ އޮފީހުން ފޮނުވައިގެން ކަމަށެވެ.
އަދި ސަން ސިޔާމު ގްރޫޕަށް ޗައިނާގެ އެގްޒިމް ބޭންކުން ލޯން ހޯދަން ސޮވެރިން ގެރެންޓީ ދިނުމުގައި އަނިލް ރިޝްވަތު ނެންގެވި ކަމަށް ވެސް ހުށަހެޅި މައްސަލަ ތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސް ޔާމީންގެ އިތުރުން ނާއިބު ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި އަހމަދު އަދީބު އަބުދުލް ޣަފޫރު ހުންނެވިއިރު އެ ދެބޭފުޅުންނާ އެންމެ ގުޅުންބޮޑު ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި އަނިލް ރައީސް ޔާމީން ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގެންނެވިފަހުން ސިޔާސީ އެއްވެސް ކަމަކުން ފެނިފައެއްނުވެއެވެ.
މީގެ ކުރިންވެސްް ކޮރަޕްޝަނަށް ތުހުމަތުކޮށް އަނިލްއާ ގުޅުވައިގެން ދެއްކި ވާހަކަތަކަށް އޭނާ ވަނީ އިންކާރު ކުރައްވައިފައެވެ.