އައްޑޫ ސިޓީގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލްއީއޭ އެސޯސިއޭޓްސް ސައުތު އޭޝީޔާ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ޖުމްލަ 25 ކިލޯމީޓަރުގެ މަގު ހެދުމާއި، 228 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
މި މަޝްރޫއުގައި އައްޑޫ ސިޓީ ހިތަދޫއިން 90 ހެކްޓަރު، މަރަދޫ، މަރަދޫފޭދޫން 75 ހެކްޓަރު، ހުޅުމީދޫން 38 ހެކްޓަރު އަދި ރިޒޯޓް ތަރައްގީކުރުމަށް އިތުރު 25 ހެކްޓަރު ހިއްކުމަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުކުރި އައްޑޫވިޝަންގެ މައްޗަށް ބިނާވާ މި މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ އާއި، ޑިޒައިން މަސައްކަތް މި ދެކުންފުންޏާ ހަވާލުކޮށްފައިވަނީ އިންޑިޔާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިޔަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކަމަށެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 1221 ދުވަސް ތެރޭގައި ނިންމުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.