ރައީސް އޮފީސް

ހަތަރު ދާއިރާއަކުން ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ރަޝިއާއާ އެކު މަޝްވަރާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ފަތުރުވެރިކަމާއި ތަޢުލީމާއި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ދެޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައިފިއެވެ.

މިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވީ މިއަދު ރަޝިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރާތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ސަފީރު ޔޫރީ މަޓެރީ، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ހާއްސަކޮށް ފަތުރުވެރިކަމާއި ތައުލީމާއި، ވިޔަފާރިއާއި، އިގްތިސާދީ ދާއިރާއިން ދެގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ރަޝިޔާގެ ރައްޔިތުންގެ މެދުގައި އޮތްގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، ދެގައުމުގެ ރައްޔިތުންނަށް ވިސާގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ވެވުނު އެއްބަސްވުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަޝިޔާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށްޓަކައި ރަޝިޔާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރަޝިޔާ ސަފީރު ވަނީ ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.