ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގައި އިންސާފު ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައްޔިތުންނާއި މުޚާތަބުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވީ ރައްޔިތުން ވޯޓުދެއްވީ އިންސާފުގެ މަގަށް މިގައުމު ގެންދަން ކަމަށާއި، ހަމަހަމަ ވެއްޓެއް ގާއިމުކުރުމަށް ކަމަށެވެ.
އަދި ކޮރަޕްޝަން ނައްތާލާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށްވާ އިރު، އެޚިދުމަތް ދިނުމުގައި ވަކިކުލައަކަށް ބެއްލެވުމެއް ނެތި ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ނަސްލަކަށް، ކުލައަކަށް، އަދި ވަކި ޖިންސަކަށް ނުބައްލަޥާނެ ކަމަށެވެ.
މީގެއިތުރުން އެމަނިކުފާނުގެ ސަރުކާރުން ޚިދުމަތް ދިނުމުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، މާލީ ފުދުންތެރިކަން ހުރި މިންވަރަށް ނުބައްލަވާނެ ކަމަށާއި، އަދި އުފަން ރަށަކަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ނުބައްލަވާ އިންސާފުވެރިކަމާ ހަމަހަމަ ކަމާއެކު ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ފަނޑިޔާރުންނަށް ނުފޫޒެއް ނެތި ޝަރީއަތްތައް ހިންގޭނެ މަގެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ ފަނޑިޔާރުންގެ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ތަނަކަށް ވާން ޖެހޭކަމެވެ.
އެހެންކަމުން އެއްވެސް ނުފޫޒެއް ނެތި އިންސާފުން ޝަރީއަތް ކުރެވޭ ތަނަކަށް ފަނޑިޔާރުގެތައް ވާން ޖެހޭކަން ފާހަގަކުރައްވާ ރައީސް އިބުރާހީމް މުހައްމަދު ސޯލިޙު ވިދާޅުވީ ރާއްޖޭގައި ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމް ކުރަން ޖެހިފައިވާ ކަމަށެވެ.