ގުރުއާން ހިތުދަސްކުރި މޯލްޑިވިއަންގެ މުވައްޒަފު މަރިޔަމް މާހް ވަހީދާއި އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ބައްދަލު ކުރައްވައިފި އެވެ.
ހާއްސަ އެހީޢަށް ބޭނުންވާ 21 އަހަރުގެ މާހް އާއި މިނިސްޓަރު ބައްދަލު ކުރައްވާ، ކީރިތި ގުރުއާން ހިތުދަސްކުރުމުން އެކަމުގެ އަގު ވަޒަންކޮށް މިނިސްޓަރު ވަނީ މާހްއަށް ހިތްވަރުދެއްވާފައެވެ. އަދި ލިބުނު ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ މާހްއަށް ހަދިޔާ އެއްވެސް ދެއްވާފައެވެ.
މި ބައްދަލުވުމުގައި މާހްގެ މަންމަވެސް ބައިވެރިވިއެވެ. މާހްގެ މަންމައާއި ވާހަކަދައްކަވާ މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަ ގޮތް ހަމަޖައްސާ، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އަދި ގުރުއާން ހިތުދަސް ކުރުމަށްފަހު އަބަދުވެސް ގުރުއާން މުރާޖާ ކުރަން ޖެހޭނެކަން ހަނދާންކޮށް، އަބަދުވެސް ގުރުއާން މުރާޖާ ކުރުމަށް މިނިސްޓަރު މާހްއަށް ނަސޭހަތްތެރި ވިއެވެ.
މި ބައްދަލުވުމުގައި މާހްގެ މަންމަ ވަނީ މާހް ކުޑައިރު ރަނގަޅަށް ވާހަކަ ދައްކަން ފެށުމުގެ ކުރިން އޭނާ ގުރުއާން ކިޔަވަން ފަށާފައިވާކަން ފާހަގަކޮށްފައެވެ. އަދި އެކި މީހުންނަށް އެކި ގޮތްގޮތަށް ގުރުއާން ހިތުދަސްކުރަން ފަސޭހަ ކަމަށާއި، މާހް ގުރުއާން ހިތުދަސްކޮފައިވަނީ ލިޔެގެން ކަމަށް އޭނާގެ މަންމަ ބުންޏެވެ. މާހް އޭނާގެ އަމިއްލަ އަތުން ފަސް ފަހަރު މުޅި ގުރުއާން އެއްކޮށް ލިޔެފައިވާ ކަމަށް މާހްގެ މަންމަ ފާހަގަ ކުރިއެވެ.
މާހް މޯލްޑިވިއަންގައި މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނީގެ އެޗްއާރު ކޯޑިނޭޓަރެއްގެ ގޮތުގައެވެ.