ދަނޑުވެރިކަމަކީ މި ގައުމުގެ އެއް އިގްތިސާދީ ތަނބަށް ވާން ބޭނުންވާ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ، ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ އެގްރިކަލްޗާ ޑިވިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ މި އަހަރުގެ ތެރޭގައި މިނިސްޓްރީން ދަނޑުވެރިކަމުގެ ސިނާއަތުގައިވެސް ވަރަށްގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ގިނަ މަސައްކަތް ތަކަކީ ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަމެއް ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން ބޭނުން އެގްރިކަލްޗާ ސެކްޓާއަކީ މި ގައުމުގެ އެއް އިގްތިސާދީ ތަނބަށް ވާން. ހަމައެކަނި ފުދުންތެރި ބަޔަކަށް ވުމެއް ނޫން، ކާނާގެ ޔަގީން ކަމެއް ނޫން. އެއަށްވުރެ ބޮޑަށް ސިނާއީ ދާއިރާއަކަށްވެސް މިކަން ހަދަން. އެހެންކަމުން އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތަކީ މި އަމާޒަށް ވާސިލުވާން ކުރާ މަސައްކަތް ތަކެއް" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި އެގްރިކަލްޗާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި މި އެކްޝަން ޕްލޭންވެސް ބައްޓަންކޮށްފައި ވާނީ ދަނޑުވެރިކަން ސިނާއަތަކަށް ތަރައްގީ ކުރުމަށް ކަމަށެވެ.
މިހާރުވެސް ދަނޑުވެރިކަން ކުރާ ގިނަ ރަށްތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ފަރާތްތަކަށްވެސް ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެގޮތުން އެމީހުން އުފައްދާ ތަކެތި މާކެޓު ނުކުރެވޭ ކަމަށާއި އެތަކެތި ރަނގަޅު އަގެއްގައި ބާޒާރަށް ނެރެވޭނެ ގޮތްތައް ހޯދައިދޭން ޖެހޭ ކަމަށެވެ.
އެގޮތުން އަންނަ އަހަރަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހުރި ގިނަ މަސައްކަތް ތަކެއް އަމަލީގޮތުން ފެށިގެންދާނެ އަހަރެއް ކަމަށާއި އަދި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އަންނަ އަހަރު ކުންފުންޏެއް އުފައްދަން ހަމަޖައްސާފައިވާ ކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.