ޖުޑީޝަލް ސާވިސް ކޮމިޝަން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި، ޖުވެނައިލް ކޯޓުގެ ގާޒީ، ބާރީ ސަސްޕެންޑްކޮށްފި

އިބްރާހިމް ޒަކީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި، ޖުވެނައިލް ކޯޓުގެ ގާޒީ، އަބްދުލް ބާރީ ޔޫސުފް މަސައްކަތުން ސަސްޕެންޑް ކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޖުވެނައިލް ކޯޓުގެ ގާޒީ އަބުދުލް ބާރީ ޔޫސުފްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭ ވަރަށް މައުލޫމާތު ލިބިފިއިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ގާޒީ ބާރީގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ބާރީ ފަނޑިޔާރު ކަމުގެ މަސައްކަތުން މިއަދުން ފެށިގެން ދުރުކޮށްފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ގިނަ އަހަރުތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި ބާރީ އެ ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ޖުވެނައިލް ކޯޓަށް ބަދަލު ކުރީ 2017 ވަނަ އަހަރު އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވީ ވެސް ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނަވައިގެން ގާޒީ ބާރީއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުތަކުގައި ބުނެފައިވަނީ، އެ ހިޔާނާތުގެ ފައިސާއިން ބައެއް ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ އިސް ބައެއް ފަރާތްތަކުން މަންފާ ހޯއްދަވާފައިވަ ކަމަށެވެ.