ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރައީސް މަތިކުރެއްވި ފަސް އަހަރުގެ ވައުދު ތަކުގެ ބޮޑުބައި އަންނަ އަހަރު ނިންމާނަން: މިނިސްޓަރު

އިބްރާހިމް ޒަކީ

ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއިން ރައީސުލް ޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ފަސް އަހަރު ދުވަހުގެ ވައުދު ތަކުގެ ތެރެއިން ބޮޑުބައި އަންނަ އަހަރު ނިންމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 31 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ބައެއް ޓޫރިޒަމް މިނިސްޓަރުންނާއެކު އެ މިނިސްޓްރީގައި ބޭއްވެވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިިނިސްޓަރު ކަމުގެ މަގާމުގައި މިހާނަތަށް ތިއްބެވި ހުރިހާ ބޭފުޅުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖެއަށް ޓޫރިޒަމް ތައާރަފުކޮށް ކުރިއަރުވަން އަމިއްލަ ފަރާތްތަކުންކުރި މަސައްކަތްތައް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޓޫރިޒަމްގެ މިއަހަރުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ބާއްވާ ޓޫރިޒަމް ދުވަހުގެ ޖަލްސާ މިރޭ ބާއްވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރެޔަށް ލަސްކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ޖަލްސާ ފަސް ކުރެއްވީ ބައެއް ދާއިރާތަކުގެ ރައްޔިތުންގެ އަޑުއެހުމަށް ކަމަށެވެ.

އެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްްތައް ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ އަހަރެއްގައި ޓޫރިޒަމް މިނިސްޓްރީން ހިންގާ ހުރިހާ ހަރަކާތެއް ހިމެނޭ ޕަބްލިކޭޝަނެއް އެމްއޯޓީގެ ނަމުގައި ނެރޭނެ ކަމަށެވެ.

އެ މަޖައްލާއިން ދައުލަތުން ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރި ބަޖެޓާއި އެ ބަޖެޓުގެ މައިގަނޑު ތަފްސީލުތައް ހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ސަރުކާރު އައި އިރު، ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުގައި ހުރި 1.6 މިލިޔަން ރުފިޔާ 24 މިލިޔަނަށް ބަދަލުވި ގޮތާއި ޓޫރިޒަމާބެހޭ ވަރަށްގިނަ ކަންކަން އެ ފޮތުގައި ހިމެނޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރުބާރުގޭގައި ބާއްވާ މި ޖަލްސާގައި އަލަށް ތައާރަފު ކުރާ ރިސޯޓުތައް އިއުލާން ކުރުންވެސް އޮންނާނެ ކަމަށެވެ. އަދި އެކްސްޕީރިއަންސް މޯލްޑިވްސް ގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ލެވެލް އަކަށް ކުރިއަށް ގެންދިއުމަށް، އަލަށް ތައާރަފުކުރާ ޑޮކިއުމެންޓްރީއެއް އެ ޖަލްސާގައި ދައްކަން ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމްގެ ދާއިރާއިން ލިބޭ ކާމިޔާބީތައް ފާހަގަކުރައްވައި އެކަމުގައި މިނިސްޓްރީގެ ކުރިހާ މުވައްޒިފުން ކުރާ މަސައްކަތް ފާހަގަ ކުރައްވައި މިނިސްޓަރު އަލީ ވަހީދު ޝުކުރު އަދާ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ކާމިޔާބެއް ވެފައި އޮތިއްޔާ އޮތީ ހުރިހާ މުވައްޒިފުން ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް ދާއިރާއަށް 31 އަހަރު ފުރުން ފާހަ ކުރުމުގެ ކޭކު ފެޅުން އޮތެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރުންގެ ތެރެއިން ބައިވެރިވެވަޑިގެންނެވީ، އިބްރާހިމް ހުސެއިން ޒަކީ އާއި މުސްތަފާ ލުތުފީ އާއި ޑރ. މަހްމޫދު ޝައުގީއެވެ.