ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ އެގްރިކަލްޗަރަލް ޑިޕާޓްމަންޓުން ކުރާ މަސައްކަތާއި، ކުރިއަށް ރޭވިފައި ހުރި މަސައްކަތްތައް މީޑިއާއަށް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ފޮރެސްޓްރީ އެންޑް ކޮކޮނަޓް ރިހެބިލިޓޭޝަން ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ފައިސަލް ވިދާޅުވީ މިއަހަރުގެ ތެރޭގައި ދެ މިލިއަން ދެހާސް ފަންސަވީސް ހާސް ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރަނީ އެސްއެމްއީ ބޭންކު މެދުވެރިކޮށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މި ލޯން ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ފަރާތްތަކާއި ދަނޑުވެރިކަމުގެ ތެރެއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ފައިސަލް ވިދާޅުވީ ދަނޑުވެރިކަމުގެ ލޯނު ޕްރޮގުރާމަށް މިހާ ހިސާބަށް އައި އިރު ލިބިފައިވަނީ ގާތްގަނޑަކަށް 25 ލޯނު އެޕްލިކޭޝަން ކަމަށާއި އޭގެ ތެރެއިން މިހާރު ދޫކޮށްފައިވަނީ ދެހާސް ފަންސަވީސް ހާސް ރުފިޔާގެ ލޯނު ކަމަށެވެ.
އެގޮތުން ވަރަށް ބޮޑެތި އަދަދުތަކުންވެސް ލޯން ދޫކުރަމުން އަންނަކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ 75 ހާސް ރުފިޔާއާ ހިސާބަށް އެއްވެސް ރަހުނެއް ނުބަހައްޓާ ލޯނު ދޫކުރާ ކަމަށާއި ރަހުނު ބަހައްޓަން ޖެހޭނީ އެއަށްވުރެ މަތިން ލޯނު ނަގާ ކަމުގައި ވާނަމަ ކަމަށެވެ. އަދި މީގެ ކުރިންވެސް މިފަދަ ތަފާތު ލޯނުތައް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް މިފަހަރުގެ ލޯނު އަމާޒުކުރަނީ ސީދާ ދަނޑުވެރިކަމަށް އިންވެސްޓް ކުރެވޭ ލޯނުތަކެއްތޯ ޔަގީންކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މި ލޯނު ޕްރޮގުރާމަކީ ވަކި މުއްދަތެއްގެ ތެރޭގައި ހުއްޓާލާ ގޮތަށް ކުރިއަށްގެންދާ ލޯނު ޕްރޮގްރާމެއް ނޫން ކަމަށެވެ. އަދި އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ލޯނު ނެގޭނެ ކަމަށާއި އެޕްލިކޭޝަން މިނިސްޓްރީގެ އިތުރުން އެޗްޑީއެފްސީން ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަހަރުގެ ލޯނު ޕްރޮގްރާމުގެ ހުޅުވާލާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުން ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އެއީ އާ ޓެކްނޮލަޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމާއި، އެގްރޮ ފޮރެސްޓްރީ، އަދި ދިރޭ ކުދި ޖަނަވާރު ގެންގުޅުމާއި ވެލިޔު އެޑިޝަންގެ މަސައްކަތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.