ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް. އިންޑިއާއާއި އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވާ އަދި ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާއެކު ގުޅުން ބަދަހިކުރާނެ ކަމަށެވެ.