މާލޭގެ 203 ގެއެއްގެ ދިޔަދޮވި ގުޅާފައި ވަނީ ފެން ހިންދާ ނިޒާމަށް ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ސުވަރޭޖް ސިސްޓަމްތައް އޯވާފްލޯ ވުމުގެ މައްސަލަަތަށް ދިމާވަނީ އާންމުން ގަވައިދާ ހިލާފަށް އަމަލު ކުރާތީ ކަމަށެވެ. އެގޮތުން ބައެއް ގޭގެއިން އެ ގެތަކުގެ ދިޔަދޮވީގެ ފެން މަގަށް ފައިބާ ގޮތަށް ހެދުމުގެ ބަދަލުގައި ސުވަރެޖް ސިސްޓަމަށް ގުޅާފައި ހުންނަ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.
ދިޔަދޮވިން ފައިބާ ފެން ސުވަރޭޖް ސިސްޓަމަށް ގުޅުމަކީ ގަވައިދާ ހިލާފު ކަމެއްކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އެ ކުންފުނިން ކުރިއަށް ގެންދިޔަ ސާވޭއެއްގައި 203 ގެއެއްގެ ދިޔަދޮވިން ފައިބާ ފެން ސުވަރޭޖް ސިސްޓަމަށް ގުޅާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމަށް އެ ގެތަކަށް އަންގާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ސުވަރޭޖް ސިސްޓަމްތައް އޯވަ ފްލޯވެ، ހާއްސަކޮށް ވިއްސާރަ މޫސުމުގައި އޯފްލޯ ވެގެން ނަޖިސްތައް ބޭރަށް ނިކުންނަނީ މިކަމުގެ ސަބަބުން ކަމަށެވެ. މި މައްސަލަ ދިމާވަނީ ވާރޭ ވެހިގެން ދިޔަދޮވިތަކުން ފައިބާ ފެން، ފެން ހިންދާ ނިޒާމުގެ ތެރެއަށް ދޫވުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭގެ ސުވަރޭޖް ސިސްޓަމަށް ދިޔަދޮވި ގުޅާފައި ވުމުގެ އިތުރުން، ބަދިގޭގައި ބޭނުން ކުރާ ތެޔޮ ސުވަރޭޖް ސިސްޓަމްގެ ތެރެއަށް ދޫވުމުންވެސް އޯފްލޯވުމުގެ މައްސަލަ ކުރިމަތިވާކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ގޭގޭގެ އިތުރުން، ހޮޓާ އަދި ރެސްޓޯރެންޓު ތަކުގައިވެސް ފަސޭހައަކަށް، ބޭނުންކޮށްފައި ހުންނަ ތެޔޮ ސުވަރޭޖް ސިސްޓަމްގެ ތެރެއަށް ދޫކޮށްލާކަން އާޒިމް ފާހަގަ ކުރެއްވިއެވެ.