އިބްރާހިމް ޒަކީ
މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އެކިއެކި ކަންކަމުން ކުރި ޖޫރިމަނާތަކުން ދައުލަތަށް 177.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ (177,259,312) ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރުމަހު އެކަނިވެސް ޖޫރިމަނާގެ ގޮތުގައި 14.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ (14,258,666) މީރާއަށް ވަނީ ލިބިފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ އިތުރުވެފައެވެ.
2018 ވަނަ އަހަރު ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 176.9 ރުފިޔާ (176,988,795) އެވެ. މި ޖޫރިމަނާގެ ތެރޭގައި ޑޮލަރުންނާއި ދިވެހި ފައިސާއިން ޖޫރިމަނާގެ ގޮތުގައި ނަގާފައިވާ އަދަދުތައް ހިމަނާފައިވި ނަމަވެސް ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގާފައިވަނީ ކޮންކޮން ޖޫރިމަނާތަކުގެ ގޮތުގައިކަން އެނގޭނެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
މާލޭގައި އާއްމުކޮށް އެންމެ ގިނައިން ޖޫރިމަނާ ކުރާކަން ފާހަގަ ކުރެވިފައިވަނީ ވެހިކަލް ދުއްވުމާއި ޕާކް ކުރުމުގައި ގަވާއިދާ ހިލާފު ވެގެންނެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައިވެސް ވަނީ ގަވާއިދާ ހުލާފަށް ޕާކު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެކި ބާވަތުގެ އަށްޑިހައަށްވުރެ ގިނަ އުޅަނދުގެ މައުލޫމާތު ހާމަ ކޮށް، އެ އުޅަނދުތަކުގެ ވެރިން ގާނޫނުގައިވާ ގޮތުގެމަތިން އެތަކެއްޗާ ހަވާލު ވުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައެވެ.