މިއަދު ހުވާ ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކަމަށް ބެލެވޭ ބޭފުޅުންކޮޅެއް އެކުގައި ފޮޓޯއެއް ނަންގަވައިފި އެވެ.
އެ ފޮޓޯ ނެންގެވި ބޭފުޅުންގެ ތެރޭގައި އެންމެ ބޭފުޅެއް ފިޔަވައި ދެން ތިއްބެވީ "ވަން އޮންލައިން" އިން މިއަދު ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ބެލެވޭ އަންހެން ވަޒީރުން ގޮތުގައި ނަން ޝާއިއު ކުރި ބޭފުޅުންނެވެ.
ގުރޫޕު އެކުގައި ފޮޓޯ ނެންގެވި ބޭފުޅުންނަކީ އެމްޑީޕީގެ މާރިޔާ އަހުމަދު ދީދީ އާއި އަދާލަތުގެ ޝިދާތާ ޝަރީފާއި އެމްއާރްއެމް ގެ އާތިފާ ޝުކޫރު އާއި އެމްއާރްއެމްގެ އައިމިނަތު ނާދިރާ އާއި އެމްއާރްއެމްގެ ޔުމްނާ މައުމޫން އާއި އެމްއާރްއެމްގެ ޒަހާ ވަހީދު އެވެ. ފޮޓޯގެ އެންމެ ވާއަތް ފަރާތުގައި ހުންނެވީ ޑރ. އާއިޝަތު އަލީ އެވެ. އާއިޝަތު އަލީ ވަނީ ކުރީން ގައުމީ ޔުނިވަސިޓީގައި މަސައްކަތްކުރައްވައިފަ އެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ތައުލީމީ ދާއިރާއިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފޮޓޯގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ނާދިރާ ފިޔަވައި ދެން ތިއްބެވީ ކެބިނެޓަށް ވަޑައިގަންނަވާނެ ބޭފުޅުންނެވެ. ނާދިރާ ވަނީ މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައި ކަމަށް މައުލޫމާތު ލިބެ އެވެ.
މި ބޭފުޅުންގެ ތެރެއިން، މާރިޔާ ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވާ އިރު، ޝިދާތާ ވަޑައިގަންނަވާނީ ޖެންޑާ މިނިސްޓަރު ކަމަށެވެ. އާތިފާ ޝުކޫރު ހައުސިން އަށް ވަޑައިގަންނަވާ އިރު ޔުމްނާ ވަޑައިގަންނަވާނީ އަލަށް އުފައްދާ ހެރިޓޭޖް މިނިސްޓްރީ އަށެވެ. ޒަހާ ފިޝަރީޒް އަށް ވަޑައިގަންނަވާ އިރު ޑރ. އާއިޝަތު އަލީ ވަޑައިގަންނަވާނީ އެޑިޔުކޭޝަން މިނިސްޓްރީ އަށް ކަމަށްވެ އެވެ.