ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފުވަސްމުލަކު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީކޮށް އިފްތިތާހު ކޮށްފި

މަރިޔަމް ޝަހުދާ

ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

ޑައިލަސިސް ޔުނިޓު އިފްތިތާހުކޮށްދެއްވުމަށް ފަހު ޑަޔަލިސިސް ޔުނިޓާއި ހޮސްޕިޓަލުގެ ބައެއް ތަންތަން ނައިބު ރައީސް ބައްލަވާލެއްވި އެވެ. އަދި ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގޮސް ތިބި ބައެއް އާންމުންގެ ފަރާތްތަކާ ނައިބު ރައީސް ބައްދަލު ކުރެއްވިއެވެ.

ޑަޔަލިސިސް ޔުނިޓު އިފްތިތާހު ކުރުމަށް ޏ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ރައްޔިތުންނަށް އެންމެ މުހިއްމު ކަންކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާކޮށް އެ ދާއިރާގެ ފެންވަރު މަތިކުރުމަށް ބޮޑު ހޭދައެއް ސަރުކާރުން ކުރާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގައި ހުޅުވި ޑަޔަލިސިސް ޔުނިޓުގައި އެއްފަހަރާ ތިން ބަލިމީހަކަށް ޑަޔަލިސިސް ހެދޭވަރަށް ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ހޮސްޕިޓަލަކީ ދުވާލަކު އެވްރެޖުކޮށް 150 އާއި 200 ދެމެދުގެ އަދަދަކަށް ހިދުމަތް ހޯދުމަށް މީހުން ދާ ހޮސްޕިޓަލެއްކަން ރައީސް އޮފީހުން ފާހަގަ ކުރެއެވެ.

ރައީސް އޮފީހުން ބުނީ ޏ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ޔުނިޓު އިފްތިތާހު ކުރުމަށްފަހު ދެން ނައިބު ރައީސް ޒިޔާރަތް ކުރެއްވީ ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ކަމަށެވެ. އެތަނުގެ މަސައްކަތްތައް ނައިބު ރައީސް ބައްލަވާލެއްވި ކަމަށާއި، އޭގެ ފަހުން އެމަނިކުފާނު ފުވައްމުލަކުގެ މަގުހަދާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވާ ލެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.