ޔޫއެފާ ޗެމްޕިއަންސް ލީގު

ޕީއެސްޖީ، ރެއާލް، ބަޔާން، ސިޓީ އަދި ޔުވެންޓަސް އިން މޮޅަކާއެކު ގްރޫޕު ސްޓޭޖު ނިންމާލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް އިން މޮޅަކާއެކު ގްރޫޕު ސްޓޭޖު ނިންމާލައިފިއެވެ.

ރޭ ކުޅުނު މެޗުތަކާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގެ މެޗުތައް ވަނީ ނިމިގެންގޮސްފައެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި ފަސޭހަކަމާއެކު ގަލަތަސަރާއީ އަތުން ޕީއެސްޖީ ވަނީ މޮޅުވެފައެވެ. އެ މެޗުން ޕީއެސްޖީ މޮޅުވީ 5-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޕީއެސްޖީއަށް މައުރޯ އިކާޑީ ލީޑު ހޯދައިދިން އިރު، އޭގެ ތިން މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ޕަބްލޯ ސަރަބިއާއެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ތަރި ނޭމާއެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ކީލިއާން އެމްބާޕޭ ކާމިޔާބުކޮށްދިން އިރު، މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޑިސަން ކަވާނީއެވެ.

އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ކްލަބު ބްރޫޖު އަތުން ރެއާލް މެޑްރިޑް ވަނީ މޮޅުވެފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ރެއާލް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ރެއާލަށް ރޮޑްރީގޯ ލީޑު ހޯދައިދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ހާންސް ވަނަކެން ވަނީ ބްރޫޖަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ރެއާލަށް ވިންސިއަސް ޖޫނިއާ އަލުން ލީޑު ހޯދައިދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރެއާލަށް ލީޑު ފުޅާކޮށްދިނީ ލޫކާ މޮޑްރިޗެވެ.

"ގްރޫޕު އޭ"ގެ އެއްވަނައިގައި ޕީއެސްޖީން ނިންމާލީ ހަ މެޗުން ހޯދި 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނިންމާލި ރެއާލަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ބްރޫޖަށް ހަ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ގަލަތަސަރާއީއަށް ހަ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

"ގްރޫޕު ބީ"ގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ވަނީ ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ބަޔާން މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 14 ވަނަ މިނެޓުގައި ކިންގްސްލީ ކޮމާން ވަނީ ބަޔާނަށް ލީޑު ހޯދައިދީފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޓޮޓެންހަމަށް ރަޔަން ސެސިޔޯން ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ތޯމަސް މުލާ ކާމިޔާބުކޮށްދިން ލަނޑާއެކު ބަޔާނަށް ވަނީ އަލުން ލީޑު ލިބިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ބަޔާނުން ވަނީ މޮޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ބަޔާނުން ޖެހި ތިންވަނަ ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯއެވެ.

"ގްރޫޕު ބީ"ގެ އެއްވަނައިގައި ނިންމާލި ބަޔާނަށް ހަ މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި ޓޮޓެންހަމަށް ހަ މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި އޮލިމްޕިއާކޯސްއަށް ހަ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސާވޭނާ ޒެޒްޑާއަށް ހަ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ރޭ ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި މެންޗެސްޓާ ސިޓީން ވަނީ ޑިނަމޯ ޒަގްރެބް ބަލިކޮށްފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ސިޓީ މޮޅުވީ ފަހަތުން އަރައި 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ދިހަވަނަ މިނެޓުގައި ޑިނަމޯ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑިނަމޯއަށް ޑެނިއެލް އޮލްމޯ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 34 ވަނަ މިނެޓުގައި ގެބްރިއަލް ޖެސޫސް ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ސިޓީން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ސިޓީއަށް އެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޖެސޫސްއެވެ. އެ ލަނޑުތަކާއެކު އޭނާގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ސިޓީން ޖެހި ހަތަރުވަނަ ލަނޑަކީ ފިލް ފޮޑެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

"ގްރޫޕު ސީ"ގެ އެއްވަނައިގައި ނިންމާލި ސިޓީއަށް ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި އެޓަލާންޓާއަށް ހަ މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ޝަޚްތާރު ޑޮނެސްކަށް ހަ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ޑިނަމޯ ޒަގްރެބަށް ހަ މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

"ގްރޫޕު ޑީ"ގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އިން ވަނީ ބަޔާ ލެވަކޫސަން ބަލިކޮށްފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ޔުވެންޓަސް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޔުވެންޓަސް އިން ޖެހި ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ލީޑު ހޯދައިދިނީ އެޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި ޔުވެންޓަސްއަށް އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިން ކާމިޔާބުކޮށްދިން ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ.

"ގްރޫޕު ޑީ"ގެ އެއްވަނައިގައި ނިންމާލި ޔުވެންޓަސްއަށް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި އެތުލެޓިކޯ މެޑްރިޑަށް ހަ މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ލެވަކޫސަނަށް ހަ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ލޮކޮމޯޓިވް މޮސްކޯއަށް ހަ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16އަށް ދަތުރުކުރި ޓީމުތައް:

  • ގްރޫޕު އޭ: ޕީއެސްޖީ، ރެއާލް މެޑްރިޑް
  • ގްރޫޕު ބީ: ބަޔާން މިއުނިކް، ޓޮޓެންހަމް ހޮޓްސްޕާ
  • ގްރޫޕު ސީ: މެންޗެސްޓާ ސިޓީ، އެޓަލާންޓާ
  • ގްރޫޕު ޑީ: ޔުވެންޓަސް، އެތުލެޓިކޯ މެޑްރިޑް
  • ގްރޫޕު އީ: ލިވަޕޫލް، ނަޕޯލީ
  • ގްރޫޕު އެފް: ބާސެލޯނާ، ބޮރޫޝިއާ ޑޯޓްމަންޑް
  • ގްރޫޕު ޖީ: އާރްބީ ލެއިޕްޒިގް، ލިޔޯން
  • ގްރޫޕު އެޗް: ވެލެންސިއާ، ޗެލްސީ