ފަތުރުވެރިކަން ތަރައްގީކުރުމަށް އދ. ފެންފުށިން މިދިޔަ އަހަރު އޮގަސްޓް މަހު ތެރޭ ބީލަމަށް ލީ ހަތަރު ބިމުގެ ބީލަން ޓުއަރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.
ޓުއަރިޒަމް މިނިސްޓްރީން އިއްޔެ އާންމު ކުރި އިއުލާނެއްގައި، ބާތިލު ކޮށްފައިވަނީ 30 އޮގަސްޓް 2018ގައި ފެންފުށި ތުނޑީ ސަރަހައްދުން 5000 އަކަފޫޓުގެ ހަތަރު ބިން ކުއްޔަށް ދޫކުރަން އިއުލާނު ކުރި ބީލަމެވެ. މިނިސްޓްރީން ބުނީ މި އިއުލާނު ބާތިލު ކުރީ ޓޫރިސްޓު ގެސްޓްހައުސް ތަރައްގީ ކުރުމަށް ކައުންސިލު މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅޭ އުސޫލުގައި ހިމެނޭ ހުރިހާ ޝަރުތު ތަކެއް ފުރިހަމަ ނުވާތީ ކަމަށެވެ.
އެގޮތުން އެ އުސޫލުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި އިއުލާނުގެ ދަށުން ހުޅުވާލެވޭ ބިން ބިމުގައި ގެސްޓްހައުސް ތަރައްގީ ކުރެވޭނެ ގޮތް ބީލަން ފޮތުގައި ހިމެނުމަށް އޮވެއެވެ. ނަމަވެސް ފެންފުށީގެ ހަތަރު ބިން ވެސް ބީލަމަށް ލީއިރު، ކުއްޔަށް ބިން ނެގުމަށްފަހު އެ ބިމުގައި ވަކިވަކި ގެސްޓް ހައުސް ތަރައްގީ ކުރެވޭނެކަން ނުވަތަ ނޫންކަން ބީލަން ފޮތުން ސާފުވާން ނެތް ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ބީލަމަށް ހުޅުވާލައިގެން، ބީލަމުގެ މަރުހަލާތައް ކުރިއަށްގެންގޮސްފައި ވީނަމަވެސް، އަދިވެސް ބީލަން ކާމިޔާބު ކުރި ފަރާތާއެކު އެއްބަސްވުމުގައި ސޮއި ނުކުރާކަން މިނިސްޓްރީން ފާހަގަ ކުރިއެވެ. އަދި ބީލަން ބާތިލުކުރީ މި ދެ ސަބަބާ ހެދި ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ވަނީ ފެންފުށީ ކައުންސިލާއި ގުޅިގެން އަލުން މި ހަތަރު ބިން ބީލަމަށް ހުޅުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.