ފާއިތުވި 10 ވަރަކަށް އަހަރު ދުވަހު ދިވެހީން ކޮށްފައިވާ ތަޖުރިބާއިން އެނގުނު ހަގީގަތަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ގާނޫނީ އޮނޮގަނޑަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގަލޮޅު ސްޓޭޑިއަމްގައި މިއަދު ރައީސް ސޯލިހް ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރު ގެއަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާ ކަމަށެވެ.
"ގާނޫނު އަސާސީ ތަޞައްވުރުކޮށްފައިވާ ފަދައިން ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާހައުލެއް ވަނީ ފަހިކޮށްދޭން ޖެހިފައި،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައްޔިތުންނަށް އަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ގާނޫނީ އިލްމާއި ޝަރީއަތްކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމުކުރަން ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އެކަމަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާ ކުރައްވަން ފަށާނެ އެއް މަސައްކަތް ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ ރައްޔިތުން ދެކެން ބޭނުންވަނީ ގައުމުގައި އަދުލު އިންސާފު ގާއިމުކުރެވިގެންދާތަން ކަމަށެވެ.