''ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު''ގެ ނަމުގައި މިހާރު ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ ކުރެހުމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތްކުރައްވައިފިއެވެ.
މިއަދުގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި ކުރެހުމުގެ މައުރަޒަކީ އީގާން ބަދީއު ބާއްވާ ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަނެކެވެ. މި މައުރަޒަށް ރައީސް ވަޑައިގެންނެވީ މިއަދު ހަވީރެވެ. އަދި މި މައުރަޒަށް ވަޑައިގެން ރައީސް ވަނީ މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލައްވައިފައެވެ.
މިމަހުގެ ހަތްވަނަ ދުވަހު ފެށި މި މައުރަޒުގައި ޖުމްލަ 30 ކޮންޓެމްޕޮރަރީ އާޓް ސްޓައިލުގެ ކުރެހުން ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި ފެންކުލައިން ކުރަހާފައިވާ 11 ކުރެހުމެއް ހިމެނެއެވެ.
''ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު'' ތީމަށް ހުރިހާ ކުރެހުމެއް ތައްޔާރުކޮށްފައިވާ މި މައުރަޒުގެ ބައެއް އާޓް ޕީސްތައް ތައްޔާރު ކޮށްފައިވަނީ ޕްލާސްޓިކް ބޭނުންކޮށްގެންނެވެ.