ޚަބަރު

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ލައިސަންސް އޮވެގެންނޫނީ އޮޑިޓް ނުކުރެވޭ ގޮތަށް ގާނޫނުހަދަނީ

އިބްރާހިމް ޒަކީ

"އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސް" އިންދޭ ލައިސަންސެއް އޮވެގެންނޫނީ، އޮޑިޓް ނުކުރެވޭ ގޮތަށް ގާނޫނު ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅައިފި އެވެ.

މިގޮތަށް ހިމަނާފައި ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދިވެހި ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ބިލުގައެވެ.

މި ބިލު ގައި ބުނެފައި ވަނީ، މިއީ ރާއްޖޭގެ އެކައުންޓެންސީގެ ފަންނާގުޅޭ ކަންކަން، ބައިނަލް އަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ތަންޒީމުކޮށް ރާއްޖޭގައި ޗާޓަޑް އެކައުންޓަންސީގެ ފަންނެއް ގާއިމްކޮށް އެ ފަންނު ކުރިއެެރުވުމަށް މަގުފަހި ކުރުމަށް "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުހައި ގާނޫނީ ޝަހުސެއް އުފެއްދުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.

އަދި މި ބިލުން އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި އެކި ގިންތީގެ މެންބަރުންގެ ޝަރުތު ތަކާއި އެ މެންބަރުން އަމަލު ކުރަންޖެހޭ ސުލޫތަކާއި މިންގަނޑުތަކާއި ހަމަތަކާއި އެނޫންވެސް ކަންކަމާގުޅޭ އުސޫލުތައް ކަނޑައަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނެފައި ވަނީ މަގުސަދަކީ އެކައުންޓެންސީ ފަންނު ރެގިއުލޭޓް ކޮށް ކުރިއަރުވަން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ. އަދި އެކަމާ ގުޅޭ ހުރިހާ ކަމެއް ބިލުގައި ހިިމަނާފައިވެއެވެ.

ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި، ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސް ގެ ހިދުމަތް ދިނުމަށްޓަކައި ދޫކުރަންޖެހޭ ހުއްދަތައް ދޫކުރެވޭނެ އިންތިޒާމު އިންސް ޓިޓިއުޓުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އަދި އިންސް ޓިޓިއުޓުން އެކަމުގެ ހުއްދަތަށް ދޫކުރަން ފެށުމަށްފަހު އެ ހުއްދައާ ނުލައި ރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސްގެ ހިދުމަތް ދީގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ބިލުގައި ބުނެފައި ވަނީ މިގާނޫނުގެ ދަށުން ގާނޫނީ އޮޑިޓް ކުރުމާއި އެޝޫރެންސްގެ ހިދުމަތް ދޭ ފަރާތްތަަކަށް ކިޔާނީ ލައިސަންސް އޮޑިޓަރުން ކަމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް އިންސްޓިޓިއުޓްގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ފަރާތެއް އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓރީ ކޮށްފައިވާނަމަ، ނުވަތަ ގިންތި ކޮށްފައި ވާނަމަ އެ ތާރީހުން ފެށިގެން އެފަދަ ރަޖިސްޓރީ ކުުރުމެއްް ބާތިލްވާނެއެވެ.

އަދި އެ މުއްދަތަށްފަހު އޮޑިޓާ ޖެނެރަކްގެ ފަރާތުން ދޫކޮށްފައިވާ އޮޑިޓްގެ މަސައްކަތް ކުރުމުގެ ހުއްދަ ވެސް ބާތިލްވާނެއެވެ.

"އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްޓްސް އޮފް ދަ މޯލްޑިވްސް" ހިންގުމަށް ނުވަ މެންބަރުން ހިމެނޭ ކައުންސިލެއް އުފެއްދުމަށް ވެސް ބިލުގައި ހިމަނާފައި ވެއެވެ.

މި ކައުންސިލްގައި ހިމެނޭނީ އިންސްޓިޓިއުޓްގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންނާއި އޮޑިޓާ ޖެނެރަލް އާއި ފައިނޭޝަލް ކޮންޓްރޯލާ އެވެ.

މި ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް ހޮވާނީ ކައުންސިލް މެންބަރުންގެ ތެރެއިން އެ މަގާމުތަކަށް ވާދަކުރާ މެންބަރުގެ މެދުގައިނަގާ ސިއްރު ވޯޓުން ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.