ގްރީން ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ ހޭދަކުރާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށެވެ.
"ގްރީން ޓެކްސްގެ ގޮތުގައި، ނެގޭ ފައިސާ އަޅުގަނޑުމެން ހޭދަކުރާނީ ހަމައެކަނި ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް. މި ރާއްޖެއަށް ގެންނަ ތަރައްގީ ވެގެންދާނީ ތިމާވެށްޓާ އެއްކީލިކޮށް ގެނެވޭ ތަރައްގީއަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ދިވެހިރާއްޖެ ވެގެންދަނީ ޖަޒީރާ ގައުމުތަކުގެ ލީޑަރަކަށް ކަމަށެވެ.