އިންޑިއާ އާއި ރާއްޖެއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް އަވަސްކުރުމާ ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް މިއަދު މަޝްވަރާކޮށްފިއެވެ.
މިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވީ މިނިސްޓަރު ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ ފޮރިން ސެކްރެޓަރީ، މިނިސްޓަރު ޝާހިދުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޕްރޮޖެކްޓްތައް އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި މިނިސްޓަރު ޝާހިދަށް ދިއްލީއަށް މަރުޙަބާ ވިދާޅުވެ، ކުރިއަށް އޮތް ޖޮއިންޓް ކޮމިޝަން މީޓިންއާ ބެހޭ މައުލޫމާތު މިނިސްޓަރާ ހިއްސާ ކުރެއްވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ފޮރިން މިނިސްޓަރ ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގެންނެވީ އަންނަ ހުކުރު ދުވަހު ބާއްވާ މޯލްޑިވްސް – އިންޑިއާ ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ.