ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ ކޮންވެންޝަން ސެންޓަރުގައި ތަރައްގީ ކުރާ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައި ލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުގެ ތަރައްގީއާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތަކީ އަތޮޅުތަކުގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ގާއިމުކުރުންކަން ފާހަގަކުރެއްވިއެވެ.
އަދި އައްޑޫ ސިޓީގައި ގާއިމުކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވޭ ހޮސްޕިޓަލެއްކަމުން އެތަނަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށްވުމަކީ ސަރުކާރުގެވެސް ވަރަށް ބޮޑު އުންމީދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިތަނުން ހިދުމަތްދޭ އިރު ބަލިމީހުންނާމެދު އޯގާތެރިކަމާ ހިތްހެޔޮކަމާއެކު ހިދުމަތް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ ހިދުމަތް ފެށުމަށް ކުރަމުންގެންދާ ތައްޔާރީތައް ބައްލަވައިލައްވައި ތަނުގައި ގާއިމުކުރެވިފައިވާ ވަސީލަތްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.