ޚަބަރު

ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފި

އާނިފާ ހުސެއިން ސިރާޖް

ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަގުސަދުގައި ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފަށްޓަވައިފިއެވެ.

އެގޮތުން މި ޕްރޮގުރާމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސާވިސްގެ މުވައްޒަފުން ކުރާ މަސައްކަތުންކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ވައުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ ސިވިލް ސާވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި، މުވައްޒަފުންގެ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެޑިއުކޭޝަން މިނިސްޓްރީން ފާއިތުވި އަހަރު ރަނގަޅު ނަތީޖާއެއް ނެރުނު ކަމުގައި ވިދާޅުވިއެވެ. އަދި، ކުރިޔަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްކުރަން ހުރި ކަމަށާއި، މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލު ތަކެއް ގެނައުމަށް ސަރުކާރުން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބައްލަވަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.