ދިވެހި ދައުލަތުގެ ހަޒާނާއިން ގެއްލުވާލާފައިވާ ފައިސާ އަނބުރާ ދިވެހީންނަށް ހޯދައިދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ މިއަދު ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ މާލީ ހާލަތު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫއުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށެވެ.
"ހިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ހަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި. އެއީ ރައްޔިތުންނަށްޓަކައި ހަރަދުކުރަންހުރި ރައްޔިތުންގެ ފައިސާ. ވައްކަމާއި، ކޮރަޕްޝަނާއި، އިހުމާލުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މިންވަރު އަދިވެސް ސާފެއްނުވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ މާލިއްޔާގެ ހާލަތު އެގޮތުގައި އޮތް ކަމުގައިވީ ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކާއި ކުރަންޖެހޭ ކަންކަމަށް އުނިކަމެއް ނައިސް ކުރިއަށްގެންދިއުމަށް އަޒުމް ކަނޑައަޅާ ކަމަށާއި އެކަމަށް ދުނިޔޭގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާ، ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ.
"މިއަދު ދިވެހި ގައުމު ވައްޓާލާފައިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށްދިއުމަށްޓަކައި، ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް އެފަރާތްތަކަށް ހޯދައިދޭންޖެހޭ. އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދޭންޖެހޭ. ދިވެހި ދައުލަތުގެ ހަޒާނާއިން ގެއްލުވާލާފައިވާ ފައިސާ އަނބުރާ ދިވެހީންނަށް ހޯދައިދޭންޖެހޭ. ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ. އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިއަށް ދިއުމަށްޓަކައި، މި ކަންކަން ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.