ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު ހެނދުނު އިންޑިއާއަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގެންނެވުމުން އެގައުމުގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާސްގެ ޖޮއިންޓް ސެކްރެޓަރީ އަމިތް ނަރަންގް އެވެ.
މިނިސްޓަރުގެ މި ދަތުރަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ބާއްވާ ޖޮއިންޓް ކޮމިޝަން މީޓިންގެ ގެ ހަވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ބައްދަލުވުން އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންޑިއާ، މޯލްޑިވްސް ޖޮއިންޓް ކޮމިޝަން އެކުލަވާލީ 2986 ވަނަ އަހަރު، ޓެކްނިކަލް އަދި އިގްތިސާދި ގޮތުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ، ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅުކުރުމުގެ ގޮތުންނެވެ.
މި ކޮމިޝަނުގެ ސެޝަނެއް އެންމެ ފަހުން ބާއްވާފައި ވަނީ 2015 ވަނަ އަހަރު މާލޭގައެވެ.