އިބްރާހިމް ޒަކީ
އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމާއި ކަރަންޓުގެ ހަރަދުތައް ކުޑަ ކުރުމަށް އެހީވެދޭ ގައުމީ ފަންޑެއް ގާއިމް ކުރުމަށް ގާނޫނުން ލާޒިމު ކުރަން ބިލުގައި ހިމަނައިފިއެވެ.
މިފަންޑު އުފެއްދުމަށް ލާޒިމް ކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ރާއްޖޭގެ ހަކަތައިގެ ބިލުގައެވެ.
އެބިލުގައި ވާގޮތުން އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި އެރޮނގުން އިންވެސްޓްމަންޓް ތަކަށް މަގުފަހިކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށާއި، ކަރަންޓްގެ ހަރަދު ކުޑަ ކުރުމަށް އެހީވެދޭ ފަންޑެއް ގާނޫނަށް އަމަލު ކުރަން ފަށާދުވަހުން ފެށިގެން 60 ދުވަހުގެ ތޭގައި ގާއިމް ކުރަން ޖެހޭނެއެވެ.
އެ ފަންޑު ހިންގުމަށް ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެއް އައްޔަންކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައިވާގޮތުން އެ ބޯޑުގައި ތިއްބަވާނީ، ތިމާވެއްޓާއި މޫސުމާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ އިދާރާގެ އިސް މުވައްޒިފަކާއި، ފައިސާ އާއި މާލީ ކަންކަން ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާގެ އިސް މުވައްޒިފެއްގެ އިތުރުން ގައުމީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާގެ އިސް މުވައްޒިފެކެވެ.
ބިލުގައި ބުނެފައިވަނީ، މި ފަންޑަށް ފައިސާ ހޯދާނީ ތިމާވެށި ހިމާޔަތް ކުރުމަށް، ނުވަތަ ޖައްވަށް ބޭރުވާ ވިހަގޭސް މަދު ކުރުމަށް ނަގާ ޓެކްސްގެ ތެރެއިން އެ ފަންޑަށް ސަރުކާރުން ކަނޑައަޅާ ވަކި އިންސައްތައަކާއި، ލޯނުގެ ގޮތުގަައި ހޯދާ ފައިސާ އާއި އެކި އެކި ފަރާތްތަކުން ފަންޑަށްދޭ ފައިސާ އާއި ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އިތުރުން ހިދުމަތްދޭ އޮތޯރިޓީގެ ހިދުމަތްތަކަށް ފީގެ ގޮތުގައި ނަގާ ފައިސާ އާއި ގަވާއިދާ ހިލާފު ވެގެން ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާގެ ތެރިން ކަނޑައަޅާ މިންވަރެކެވެ.
މި ބިލްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފަށާނީ އަންނަ އަހަރުުގެ ފުރަތަމަ ދައުރުގަ އެވެ.
މަޖިލިސް މިހާރު އޮތީ މިމަހުގެ ހަތަކުން ފެށިގެން ދެމަސް ދުވަހުގެ ޗުއްޓީއެއްގައެވެ.