ޚަބަރު

ތަފާތު ކުރުމެއް ނެތި ހިދުމަތް ރައްޔިތުންނަށް ކޮށްދޭނަން : ރައީސް ސޯލިހް

އަހުމަދު ޖައިޝަން

ރައްޔިތުން އިޚްތިޔާރުކުރި ގޮތަށް އެއްވެސް ތަފާތު ކުރެއްވުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެ ކަމަށް މިއަދު ހުވާކުރެއްވި ރާއްޖޭގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަލަށް އުފެދިގެން އަންނަ ސަރުކާރުން، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވި ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަށް ނުވަތަ މާލީ ފުދުންތެރި ކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫންވެސް ކަމަށް ބަލައި ތަފާތެއް ނުކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ރައްޔިތަކު ބާކީވެގެން ވެސް ނުދާނެ ކަމަށެވެ.