މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އާމްދަނީގެ ގޮތުގައި 1.15 ބިލިއަން ރުފިޔާ ލިބުނު ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މީރާއިން ބުނީ މިއީ ނޮވެމްބަރު މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 33.5 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އެ އިދާރާއަށް ލިބުނު އާމްދަނީއަށްވުރެ 17.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މީރާއިން އިއްޔެ އާންމުކުރި މިއަހަރުގެ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުން ދައްކާ ޓެކްސް (ޖީއެސްޓީ)ންނެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 56.6 އިންސައްތަ އަކީ ޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބިފައިވާ އާމްދަނީއެވެ.
މީރާ އިން ބުނީ މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ އާމްދަނީ އިތުރުވީ، ޓީޖީއެސްޓީ އާއި އެއާޕޯޓު ސާވިސް ޗާޖާއި ގުރީން ޓެކްސްގެ އިތުރުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމުގެ ސަބަބުން ކަމަށެވެ.
މީރާއަށް މިދޔަ އަހަރުގެ ތެރޭގައި ލިބުނު އާމްދަނީގެ ތެރެއިން 51.6 މިލިއަން ރުފިޔާ ލިބިފައިވަނީ ޔޫއެސް ޑޮލަރުންނެވެ.