ގެނބުނު ބަޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓާރު އިސްމާއީލް އަހުމަދު "ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ، ގެނބިގެން ގެނައި ހަތަރު މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ގެނބިގެން ހަތަރު މީހަކު އައިޖީއެމްއެޗަށް ގެނައީ ފުލުހުން ކަމަށެވެ.
އެހުރިހާ މީހުންގެ ހާލު ރަނގަޅު ކަމަށާއި ފަރުވާދިނުމަށްފަހު ތިން މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އެތަނުން އެކަކަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނޭނގެ ކޮން ތަނަކުން ދިމާވި ހާދިސާއެއްގައި ގެނައި ބައެއްކަމެއް، ފުލުހުން އެމީހުން ގެނައީ، ހުރިހާމީހުންގެ ހާލުވެސް ސްޓޭބަލް، ތިން މީހުން މިހާރު ދޫކޮށްލައިފި، މިހާރު އޮތީ އެންމެ މީހެއް،" އިސްމާއީލް އަހުމަދު ވިދާޅުވިއެވެ.
ފުލުހުން ބުނީ މިއަދު 10:30 އެހާކަންހާއިރު އެނބޫދޫ ފިނޮޅު ކައިރީގައި އޮންނަ އަޑިމަގު ފަޅު ތެރޭގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލުމާތު ލިބުމާއެކު މެރިން ޕޮލިސްއިން ވަގުތުން އެ ސަރަހައްދަށް ގޮސް އެ ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެމީހުން ނަގައިގެން މާލެ ގެނެސް އައިޖިއެމްއެޗަށް ގެންދިޔަ ކަމަށެވެ.
ދޯނީގައި ތިބި ދެމީހުންގެ ހާލު ރަނގަޅު ކަމަށާއި، އެ ދެމީހުންނާއި ފުލުހުން ގުޅިގެން ދޯނި އެނބޫދޫ ފިނޮޅު ހިއްކަންފަށާފައިވާ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި ދޯނީގައި ތިބީ ދިވެހި ފިރިހެނަކާއި ބަންގުލަދޭޝް ތިން ފިރިހެނުން ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައީ ބަނގްލަދޭޝް ދެ މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިސާރައިގައި ދަތުރު ފަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްްކޮށްފައެވެ.