މިންހާ ފާއިޒް ރަޝާދު
ރިއަލް އެސްޓޭޓް ކުންފުންޏަކުން އެތަނުގެ މުވައްޒަފުންނަށް 10 މިލިޔަން ޑޮލަރުގެ ބޯނަސް ބަހައިފިއެވެ.
ސެއިޓް ޖޯން ޕްރޮޕަޓީސް އިން ބޭއްވި އެނުއަލް ޕާޓީގައި މުވައްޒަފުންނަށް ހަވާލުކުރީ ރަތް ކުލައިގެ ސިޓީ އުރަތަކެކެވެ. އޭރަކު މުވައްޒަފުންނަށް އެއީ ކޮންއެއްޗެއް ކަމެއް ނޭގެއެވެ.
ހުރިހާ އެންމެނަށް ސަޕްރައިޒެއް ލިބިގެން ދިޔައީ ސިޓީ އުރަ ހުޅުވިއިރު އޭގައި ގިނަ އަދަދަކަށް ފައިސާ ހުރުމުންނެވެ.
"ސިޓީ އުރަ ކެނޑުމަށްފަހު ހުރެވުނީ ގަބޫލު ނުކުރެވިފަ، ބަސް ހުއްޓިފަ ހުރެވުނީ. މީ ވަރަށް ސަޅި ކަމެއް. އަދިވެސް މިހިރީ ޝޮކެއްގަ. މީގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ" އެ ކުންފުނީގައި އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރަކަށް މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.
ކުންފުނީގެ ރައީސް ލޯރެންސް މެއިކްރެންޓްޒް ސީއެންއެންއަށް ދިން އިންޓަވިއުގައި ބުނީ ކުންފުނި ވަނީ މިއަހަރު 20 މިލިއަން އަކަފޫޓްގެ ރިއަލް އެސްޓޭޓްގެ ވިޔަފާރި ކޮށް އެމީހުންގެ އަމާޒަށްވުރެ އިތުރަށް ކާމިޔާބީ ހޯދާފައި ކަމަށެވެ. އެއީ 14 އަހަރުގެ ވިޔަފާރީގެ ދެގުނަ އަދަދެއްކަމަށް ލޯރެންސް ބުންޏެވެ.
"އެހެންވެ ބޭނުންވީ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން. އެމީހުންގެ ސަބަބުން މި ކާމިޔާބީ ހާސިލުވީ. ބޮޑު ކަމެއް ކޮށްދޭން ބޭނުންވީ" ލޮރެންސް ބުންޏެވެ.
މުވައްޒަފުންނަށް ބޯނަސް ލިބިފައިވަނީ އެމީހަކު ކުންފުނީގައި ވަޒީފާ އަދާކުރި މުއްދަތަށް ބަލާފައެވެ. އެގޮތުން އެންމެ ކުޑަ އަދަދަކަށް 100 ޑޮލަރު ވަނީ އެއް މުވައްޒަފަށް ލިބިފައެވެ. އޭނާ އަކީ އަލަށް ވަޒީފާއަށް ވެއްދި މުވައްޒަފެކެވެ. އަދި މަސައްކަތްވެސް ކުރަން ފަށާފައެއް ނުވެއެވެ. އެންމެ ބޮޑު އަދަދެއްގެ ބޯނަސް އަކަށް ލިބިފައިވަނީ 270،000 ޑޮލަރެވެ. މުޅި ޖުމުލަ 198 މުވައްޒަފުންގެ ބޯނަސް 10 މިލިޔަން ޑޮލަރަށް އަރައެވެ.
"މިއީ ލައިފްގަ ދިމާވި އެންމެ އުފާވެރި އެއް ރޭ. ސްޓާފުން އައިސް އުފަލުން ބައްދާލާ އެމީހުނަށް ލިބުނު ބޯނަހުން ކުރާނެ ކަންތައްތައް ދިޔައީ ހިއްސާކުރަމުން. އެންމެންވެސް ތިބީ ވަރަށް އުފަލުން. އެއް ބައެއްގެ ދަރަނިތައް ހަލާސް ކުރެވޭއިރު، މޯގޭޖްތައްވެސް ދައްކާ ނިންމާލެވޭނެ ކަމަށް ބުނި. ކްރެޑިޓް ކާޑު ބިލްތަކާ، ދަރިންގެ ކޮލެޖް ފީތައް ދެއްކޭނެ ކަމަށް ބުނި. ސްޓޫޑަންޓް ލޯން އާއި ޓިއުޝަން ފީތައް ދެއްކޭނެކަމަށް ވެސް ބުނި" ލޮރެންސް އިތުރަށް ބުންޏެވެ.
ކުންފުނީގެ އެހެން މުވައްޒަފަކު ބުނީ އޭނާއަށް ލިބުނު ބޯނަހުން އޭނާ އުޅޭ ގެ ބޮޑު ކުރުމާއި އިންވެސްޓް ކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ.
މިއީ މި ކުންފުނީގެ އަށް ބްރާންޗަކުން ހުރިހާ މުވައްޒަފުން އަލަށް އެއް ހަފުލާއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
ލޮރެންސް ބުނި ގޮތުގައި މުވައްޒަފުންނަކީ ކުންފުނީގެ މައި ތަނބުކަމަށާއި ކުންފުނީގެ ހުރިހާ ކާމިޔާބީއެއްގައި އެންމެ ބޮޑު ހިއްސާ އަދާކުރާ ބަޔަކީ އެމީހުން ކަމަށެވެ.