ޔޫއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔަކަށް ބާސާގެ ފާޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު، ބާސެލޯނާގެ ޒުވާން ފޯވަޑް އަންސޫ ފާޓީ މުގުރާލައިފިއެވެ.

ފާޓީ އެ ރެކޯޑު މުގުރާލާފައިވަނީ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅުނު "ގްރޫޕު އެފް"ގެ މެޗުގައެވެ. ފާޓީގެ ލަނޑާއެކު އެ މެޗުން ބާސާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އިންޓަ އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް، ބާސާއަށް ފާޓީ ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ މާގިނައިރުތަކެއް ނުވަނީހެވެ.

ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު ފާޓީ މުގުރާލި އިރު، އޭނާގެ އުމުރަކީ 17 އަހަރާއި 40 ދުވަހެވެ. އޭގެ ކުރިން އެ ރެކޯޑު ހަދާފައިވަނީ 1997 ވަނަ އަހަރު އޮލިމްޕިއާކޯސްގެ ޕީޓާ އޮފޮރީ ގުއޭޔޭއެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރާއި 194 ދުވަހެވެ.

އިންޓައާ ދެކޮޅަށް ކުޅުނު އެ މެޗުގެ ކުރިން ވެސް ބާސާއަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައެވެ. "ގްރޫޕު އެފް"ގެ ހުރިހާ މެޗެއް ރޭ ނިމުނު އިރު، ބާސާ އިން ގްރޫޕުގެ އެއްވަނަ ހޯދީ 14 ޕޮއިންޓާއެކުއެވެ. ދެވަނައިގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދި ބޮރޫޝިއާ ޑޯޓްމަންޑަށް ހަ މެޗުން ދިހަ ޕޮއިންޓް ލިބުނު އިރު، ތިންވަނައިގައި ނިންމާލި އިންޓައަށް ހަ މެޗުން ހޯދިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސްލާވިއާ ޕްރާހާއަށް ހަ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.