ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަމަށް ފިޔަވަޅުއަޅާނެ ނިޒާމެއް ގާއިމްކުރާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މިސަރުކާރުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަން ބަލައި ފިޔަވަޅު އަޅާ ނިޒާމެއް ރައީސް އޮފީސް ތެރޭގައި ގާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައްޔިތުންނާއި މުޚާތަބުކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިސަރުކާރުން ހިންގާ ނޭދެވޭ ކަންކަމާ ގުޅޭ ޝަކުވާތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އެގޮތުން އެކަމަށް ރައިސް އޮފީހުގައި އިންތިޒާމުތަކެއް ހަމަޖައްސައިދެއްވާނެ ކަމަށާއި، ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކޮށްދެއްވަން ފަސްޖެހިވަޑައިގަންނަވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނަ މަސައްކަތްތަތަކަށް ހަދަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު އިންސާފުން ކަންކަން ނިންމަވާނެ ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައިސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރައްވާފައި ވަނީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.