ޔޫއެފާ ޗެމްޕިއަންސް ލީގު

ވެލެންސިއާ އާއި ޗެލްސީ ގަދަ 16އަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ވެލެންސިއާ އާއި ޗެލްސީ ޖާގަ ހޯދައިފިއެވެ.

"ގްރޫޕު އެޗް"ގެ ހުރިހާ މެޗެއް ރޭ ވަނީ ނިމިފައެވެ. ރޭގެ މެޗުތަކުގެ ކުރިން ގްރޫޕުގެ އެއްވަނައިގައި އަޔެކްސް އޮތް ނަމަވެސް، އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާ އަތުން 1-0ގެ ނަތީޖާއަކުން އަޔެކްސް ބަލިވުމާ ގުޅިގެން އެޓީމަށް ވަނީ ގަދަ 16ގެ ޖާގައެއް ގެއްލިފައެވެ.

އެ މެޗުގައި ވެލެންސިއާ އިން ޖެހި ލަނޑު ފެނިގެންދިޔައީ މެޗުގެ 24 ވަނަ މިނެޓުގައެވެ. ފެރަން ޓޮރޭސް ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަޔެކްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

އެ ލަނޑަށްފަހު އަޔެކްސް އިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މިސީޒަނުގައި އަޔެކްސްއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާކިމް ޒިޔެކްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ޗެލްސީން ގަދަ 16ގެ ޖާގައެއް ހޯދީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުން ޗެލްސީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 19 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ވިލިއަން ދިން ރީތި ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ޓެމީ އަބްރަހަމްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިލްގެ ގޯލު ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ.

ޗެލްސީން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެމަސަން ނަގައިދިން ކޯނަރަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސެޒާ އަޒްޕްލިކުއެޓާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގައި ލިލް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ޖޮނަތަން ބަމްބާ ނަގައިދިން ހުރަހަކުން ލިލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޗެލްސީގެ ކުރީގެ ފޯވަޑް ލޮއިކް ރެމީއެވެ.

އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި ވެލެންސިއާ އާއި ދެވަނައިގައި ނިންމާލި ޗެލްސީ، އެ ދެ ޓީމަށް ވެސް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. ވެލެންސިއާ ކުރީގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއިންނެވެ. ތިންވަނައިގައި ނިންމާލި އަޔެކްސްއަށް ހަ މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި ނިންމާލި ލިލްއަށް ހަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެވެ.