ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަތުން ބަލިވެ، އިންޓަ މިލާން މުބާރާތުން ކަޓައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އެފް"ގެ މެޗުގައި ބާސާ އަތުން އިންޓަ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބާސާ އިން ވަނީ އެޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ފެންނަ ގިނަ ކުޅުންތެރިންތަކަކަށް ރެސްޓު ދީފައެވެ.
އެ މެޗުގެ ކުރީކޮޅުގައި އިންޓަ އިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އިންޓަގެ ކްރިސްޓިއަން ބިރާގީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ލުކާކޫ ދިން ބޯޅައަކުން ބިރާގީ ފޮނުވާލި އެ ހަމަލާ، ބާސާގެ ކީޕަރު ނޭޓޯ ވަނީ މަތަކޮށްފައެވެ.
އިންޓަ އިން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ 23 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އާޓުރޯ ވިޑާލް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކާލެސް ޕެރޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ، އިންޓަގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
ހަމަލާތަކަކަށްފަހު މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އިންޓަ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އިންޓައަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވަޑް ލުކާކޫއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އިންޓައަށް ލީޑު ހޯދާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ލުކާކޫއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ވަރަށް ހުސްކޮށް ހުރެ ލުކާކޫ ފޮނުވާލި އެ ހަމަލާ، ބާސާގެ ކީޕަރު ނޭޓޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ބާސާއިން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ލުއިސް ސުއަރޭޒް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ 17 އަހަރުގެ ފޯވަޑް އަންސޫ ފާޓީއެވެ. އެ ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ލަނޑެއް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
ރޭގެ މެޗުތަކާއެކު "ގްރޫޕު އެފް"ގެ ހުރިހާ މެޗެއް ވަނީ ނިމިފައެވެ. ބާސާ އަތުން އިންޓަ ބަލިވުމާއެކު، އެ ގްރޫޕުން ގަދަ 16ގެ ދެވަނަ ޖާގަ ލިބިފައިވަނީ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. ގްރޫޕުގެ އެއްވަނައިގައި ނިންމާލި ބާސާއަށް ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި ޑޯޓްމަންޑަށް ހަ މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި އިންޓައަށް ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސްލާވިއާ ޕްރާހާއަށް ހަ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.