މަސްވެރިންނަށް ހާއްސަކޮށްގެން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށް، ދެ އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.
މި ދެ އެޕްލިކޭޝަން ތައާރަފް ކޮށްފައިވަނީ 39 ވަނަ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެ ދެ އެޕްލިކޭޝަނަކީ ޑިއުޓީއާ ނުލައި ތެޔޮ ގަތުމަށް މަގުފަހިކޮށްދޭ "ފަހި ހަކަތަ" އެޕްލިކޭޝަނާއި މަސްވެރިކަމުގެ އެކި މައުލޫމާތު ފޯރުކޮށްދޭ "ކެޔޮޅު" އެޕްލިކޭޝަނެވެ.
ފަހި ހަކަތަ އެޕްލިކޭޝަނަކީ މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް، މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވައުދު ތަންފީޒުކުރުމަށް ހެދި އެޕްލިކޭޝަނަކެވެ.
މި އެޕްލިކޭޝަންގައި މަސްވެރިކަމުގެ ލައިސެންސް އޮތް ހުރިހާ އުޅަނދުފަހަރަށް ރެޖިސްޓްރީވެ، ޑިއުޓީއާ ނުލައި ތެޔޮ ގަނެވޭނެއެވެ.
ކެޔޮޅު އެޕްލިކޭޝަނަކީ މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް މަސްވެރިކަމާގުޅޭ އެކި މައުލޫމާތު ފޯރުކޮށްދިނުމަށް އުފެއްދި އެޕްލިކޭޝަނަކެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް އާންމުކޮށް މަސް ހުންނަ ސަރަހައްދުތަކާއި އެދުވަހެއްގެ މޫސުން ލަފާކުރާ ގޮތް ބަލައިލެވޭނެއެވެ.
އޭގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމާ ގުޅުންހުރި ފޯމުތައް އެޕްލިކޭޝަން މެދުވެރިކޮށް ފުރައި، އެ ފޯމު މިނިސްޓްރީއަށް ފޮނުވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.