މަސްވެރިކަން ފަހަތަށް ޖައްސާލައި ފަތުރުވެރިކަން އިގްތިސާދުގައި ކުރިއަރައިގެން އައީ މަސްވެރިކަމުގެ ސިނާއަތް ސަރުކާރުން ކޮންޓްރޯލް ކުރަމުންދިއުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމަކީ އެތައް ސަތޭކަ އަހަރެއް ތަޖުރިބާކޮށްފައިވާ ދިވެހިންގެ އިގުތިސާދީ ތަރިކައެއް ނަމަވެސް މިއަދުވެސް ރާއްޖޭގެ އިގްތިސާދަށް އެ ސިނާއަތުގެ ފައިދާ ފުރިހަމައަށް ނުލިބޭ ކަމަށެވެ.
އެގޮތުން ދިވެހިން ބާނާ ކަޅުބިލަމަސް، ފިނިކުރި މަހުގެ ގޮތުގައި 1970ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރަން ފަށައި، މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ހިސާބުން ދިވެހި މަސްވެރިކަމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި ދުވަސްވަރަކީ ރާއްޖޭގައި އަލަށް ފަތުރުވެރިކަން ފެށުނު ދުވަސްވަރުކަން ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް ދިވެހިން ރަށްތަކުގައި ވަޒަންވެރިވި ދުވަހުން ފެށިގެން ކުރަމުން އައި މަސްވެރިކަން ފަހަތަށް ޖައްސާލާފައި، އަލަށް އުފަންވި ފަތުރުވެރިކަން އިގްތިސާދީ ރޭހުގައި ކުރިއަށް އަރައިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިކަމުގައި އަޅުގަނޑަށް ފެންނަން އޮތީ ހަމަ އެންމެ ސަބަބެއް. އެއީ މަސްވެރިކަމުގެ ސިނާއަތުގެ ތެރެއަށް ވަނުމަށް، އާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުސަތުތައް ފަހިކޮށް ނުދީ، ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިއުން. މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައި މިވަނީ އެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާއާ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަން ފެށިގެން އައި 70ގެ އަހަރުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ވިޔަފާރިވެރިންނަށް ދިންނަމަ މިއަދު މަސްވެރިކަމުގެ ސިނާއަތް އޮންނާނީ ފަތުރުވެރިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ތަރައްގީވެފައި ކަމަށެވެ.
އެގޮތުން ދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ދުވަސްވަރު، މަސްވެރިކަމުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލިނަމަ، އެންސިސް ގުރޫޕުގެ ފަރާތުން ހުޅުމާލޭގައި ދާދިފަހުން ހުޅުވި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާފަދަ އިންވެސްޓުމަންޓުތަކާއި އެއަށްވުރެ މާ ބޮޑެތި ކިތަންމެ އިންވެސްޓްމަންޓެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރީސްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓު ކުރުމުގެ މަގު އަމިއްލަ ވިޔަފާރިވެރިންނަށް ވީހާ ބޮޑަކަށް ހުޅުވައިލަދީ އެކަމުގައި އެހީތެރިވެދިނުމެވެ.
އޭރުން ސަރުކާރުގެ ދައުރަކަށްވާނީ ސިޔާސަތުތައް ކަނޑައެޅުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދީ، ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތް ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.