ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ރަނގަޅު އަގު ހޯދަން ބޭނުންނަމަ، މަހުގެ އަގާމެދު ބަސް ބުނުމުގެ ބާރު ދިވެހިންގެ އަތްމައްޗަށް ނަގަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ބާވަތާއި ދިވެހިންގެ ތަޖުރިބާއަށް ބަލާއިރު ދިވެހިން މިއަދު ތިބެންޖެހޭނީ އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް މިއަދު ދިވެހިން ތަންފީޒުކުރަން ޖެހެނީ ބަޔަކު ކަނޑައަޅާ ސިޔާސަތުތަކެއް ކަމަށާއި އެކަން ބަދަލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެކަން ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުވެގެން ކަމަށާއި އެކަން މި ސަރުކާރުން ކުރާނެ ކަމަށެވެ.
އެގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ރަނގަޅު އަގު ހޯދަން ބޭނުންނަމަ މަހުގެ އަގާމެދު ބަސް ބުނުމުގެ ބާރު ދިވެހިންގެ އަތްމައްޗަށް ނަގަންޖެހޭ ކަމަށާއި ސަރުކާރާއި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިވެރިން ގުޅިގެން އެކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ކަން އޮތީ އެހެނެއް ނޫން. ދިވެހިން ބާނައި އެކްސްޕޯޓްކުރާ މަހަށް އަގު ކަނޑައެޅުމުގެ އިހްތިޔާރު މިހާރު އޮތީ މަސް ގަންނަ ބޭރުގެ ކުންފުނިތަކުގެ އަތްމަތީގައި. މިއީވެސް ބަދަލުކުރެވޭނެ ކަމެއް. ދިވެހިންގެ ދޮށީގެ މަސްވެރިކަމަކީ ބޮޑު އަގުގައި ވިއްކޭނެ އެއްޗެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޒަމާނުން ފެެށިގެން ދިވެހިން ކުރަމުން އައި މަސްވެރިކަން ފަހަތަށް ޖައްސާލައި އަލަށް އުފަންވި ފަތުރުވެރިކަން އިގްތިސާދީ ރޭހުގައި ކުރިއަރައިގެން ދިއުމުގެ ސަބަބަކީ މަސްވެރިކަމުގެ ސިނާއަތުގެ ތެރެއަށް ވަނުމަށް އާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުސަތުތައް ފަހުކޮށްނުދީ ސަރުކާރުން ކޮންޓްރޯލް ކުރަމުންދިއުން ކަމަށެވެ.
އެގޮތުން ފަތުރުވެރިކަން ފެށިގެން އައި 70ގެ އަހަރުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ވިޔަފާރިވެރިންނަށް ދިންނަމަ މިއަދު މަސްވެރިކަމުގެ ސިނާއަތް އޮންނާނީ ފަތުރުވެރިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ތަރައްގީވެފައިކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އިގްތިސާދީ ސިނާއަތްތަކުގައި އިންވެސްޓް ކުރަން އަމިއްލަ ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމުގެ ފައިދާ ވަރަށް ރަނގަޅަށް މިހާރު އެބަ ފެންނަ ކަމަށާއި އެހެންކަމުން ސަރުކާރުގެ ސިޔަސަތަކީ މަސްވެރިކަމުގެ ސިނާއަތުގައި ވެސް އަމިއްލަ ވިޔަފާރިވެރިންނަށް އިންވެސްޓު ކުރުމަށް މިހާރަށްވުރެ ބޮޑަށް ހުޅުވާލައި އެކަމުގައި އެހީތެރިވެދިނުން ކަމަށެވެ.