ޚަބަރު

ދެއިރު ދެ ދަޅައަށް ބަދަލުވެގެން ނުދާނެފަދަ ހެޔޮގޮތްތަކެއް މަސްވެރިންނަށް ކަށަވަރުކޮށްދޭން ޖެހޭ: އެމްޑީއޭ

މަސްވެރިން ހިތްހަމަޖެހޭ، ދެއިރު ދެ ދަޅައަށް ބަދަލުވެގެން ނުދާނެފަދަ ހެޔޮގޮތްތަކެއް މަސްވެރި އާއިލާތަކަށް ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީއޭ އިން ނެރުނު މަސްވެރިންގެ ދުވަހުގެ ތަހުނިޔާގެ މެސެޖުގައި ބުނީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު މިހާތަނަށް ވުޖޫދުވި އެއްވެސް ސަރުކާރަކުން އެންމެ އެދެވޭ ގޮތެއްގައި ބަލައިގެންފައި ނުވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

"ހެޔޮ ނިޔަތާއެކު މަސްވެރިންގެ އަގު ބަހުން، މަންޒަރުން ސިފަކުރުން ދޫކޮށްލައި، ކޮންމެ ސަރުކާރަކުން ވިޔަސް މިކަމަށް އަމަލީ ސިފަ ގެނައުމަށް ގޮވާލަމެވެ. އަދި މިއަދުގެ ސަރުކާރުން ހިތުގެ ލޯތްބާއެކު މަސްވެރިން ހިތްހަމަޖެހޭ، ދެއިރު ދެ ދަޅައަށް ބަދަލުވެގެން ނުދާނެފަދަ ހެޔޮގޮތްތަކެއް މަސްވެރި އާއިލާތަކަށް ކަށަވަރުކޮށްދެއްވުމަށް މިއަދުގެ ސަރުކާރަށް ނުހަނު އިހުލާސްތެރިކަމާއެކު ގޮވާލަމެވެ..،" އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއޭ އިން ބުނީ މަސްވެރިންގެ ބުރަދަން ބަލަންޖެހޭނީ އިތުރު އެއްވެސް ސިނާއަތަކަށް ވަކިން ބޮޑަށް އިސްކަން ނުދެވޭނެ މިންވަރަށް އެ މަސައްކަތަށް އިސްކަންދީގެން ކަމަށާއި ސަބަބަކީ މަސްވެރިން މިއަދު އެކުރާ މަސައްކަތަކީ ވަރަށް ރިސްކު ބޮޑު މަސައްކަތަކަށް ވެފައި، އެ މަސައްކަތް އެކުރަނީ މިގައުމުގެ ދިރިހުރި އެހެން ސިނާއަތްތަކުގެ ހަށިހެޔޮކަން ވަރުގަދަކުރުމުގެ މާނަވެސް އޭގައި އެކުލެވޭގޮތަށް ކަމުގައި ވާތީ ކަމަށެވެ.

"މަސްވެރިން އެކުރައްވާ ބުރަ މަސައްކަތް މި ދެންނެވި މިންގަނޑުން ވަޒަންކުރާ ނަމަ، މަސްވެރިން އެކުރައްވާ މަސައްކަތުގެ ހަމަ އަގު އެ ލޮބުވެތި އާއިލާތަކަށް ލިބޭނެ ހަރުދަނާ މެކޭނިޒަމެއް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމަކީ ކޮންމެގެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައިވެސް ދެކެމެވެ.." އޭނާ ވިދާޅުވިއެވެ.