ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހުވަޔާ އެއްގޮތަށް ދެމިހުންނާނަން: ރައީސް ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ހުވަޔާ އެއްގޮތަށް ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ގަލޮޅު ދަނޑުގައި މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުވަޔާ އެއްގޮތަށް ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ދާދި ދެންމެއަކު ތިޔަބޭފުޅުންގެ ކުރިފުޅުމަތީހުރެ މާތް ﷲ ގަންދީ އަޅުގަނޑު މި ކުރީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ. އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމުގެ ހުވާ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ތެދުވެރިކަމާއެކު އަދާކުރުމަށް ކުރި ހުވާ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ވޯޓުލީ އާބާދީގެ 58.4 އިންސައްތަ އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދެއްވި ކަމަށާއި ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެދުވަހު ވޯޓު ދެއްވީ އެ ރައްޔިތަކު ދެކޭގޮތުގައި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެނުނުގޮތަށް ކަމަށެވެ.

"މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ، އެދުވަހު ތިޔަބޭފުޅުން އިހްތިޔާރުކުރެއްވި ގޮތަކަށް ބެލުމެއްނެތި، ތިޔަ ހުރިހާ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ،" އެމަނިކުފާނު ވިދާޅުވިއެވެ.