ޚަބަރު

ހިތާނު ކުރި ކުއްޖެއްގެ ކުރިމަތިފަރާތް ފިހުނު މައްސަލަ ބަލަނީ

މުހައްމަދު ޝަހީމް

ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިތާނު ކުރި ކުއްޖަކަށް ފަރުވާ ދިނުމުގައި ހުޅުމާލެ ހޮސްޕިޓަލުން އިހުމާލުވުމުގެ ސަބަބުން، އެ ކުއްޖާގެ ކުރިމަތިފަރާތް އެއްކޮށް ފިހުނު މައްސަލައެއް ބަަލަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެ ކުޑަކުއްޖާގެ ބެލެނިވެރިންނާއި ބައްދަލުކޮށް ކުއްޖާގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގައި އިހުމާލުވި ދެ ޑޮކްޓަރުންނާއި ތިން ނަރުހުންގެ މައްސަަލަ ބަލަމުން އަންނަ ކަމަށާއި އެފަދަ ހާދިސާއެއް ހިނގުމުން ހިތާމަ ކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އާއިލާއަށް ގުޅައި މައާފަށް އެދިފައިވާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުން އިހުމާލުވެފައިވަނީ އުމުރުން ފަސް އަހަރުގެ ކުއްޖަކަށެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިތާނު ކުރި އެކުއްޖާ ގެއަށް ބަދަލުކުރި ފަހުން، ޖެހިގެން އައި ދުވަހު އެ ކުއްޖާގެ ކުރިމަތިފަރާތުން ލޭ އަންނާތީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އިހުމާލުވެފައިވަނީ ބޭސް އެޅުމުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ލޭ އަންނާތީ ހޮސްޕިޓަލަށް ދިއުމުން އެވަގުތު އެމަޖެންސީގައި ދެ ޑޮކްޓަރުން ތިބިކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހިތާނީ ބޭސްގަނޑު ނައްޓަން ޑޮކްޓަރުން އަމަލު ކުރީ ވަރަށް އިހާނެތިކޮށް

"ވަން"އަށް މައުލޫމާތުދެމުން އެ ކުއްޖާގެ ބައްޕަ ޖާދުﷲ އައްބާސް ބުނީ އެމަޖެންސީގައި ތިބި ދެ ޑޮކްޓަރުންނަށް ދެއްކުމުން ލޭ އަންނަނީ ހިތާނު ކޮށްފައި ހުރީމަ އެތެރޭގައި ބްލޮކް ވެފައި ހުރި ލޭ ކަމަށް އެ ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. އަދި ހިތާނީ ބޭސްގަނޑު ނައްޓަން ޑޮކްޓަރުން އަމަލު ކުރީ ވަރަށް އިހާނެތިކޮށް ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެެވެ.

"ޑޮކްޓަރުން ބޭސްގަނޑު ނައްޓާލަން އުޅުނު ގޮތުން އަޅުގަނޑުގެ ހިތަށް އެރި. މިއީ މިކަން ކުރާގޮތް ބާއޭ،" ކުއްޖާގެ ބައްޕަ ޖާދުﷲ ބުންޏެވެ.

ޖާދުﷲ ބުނީ ޑޮކްޓަރުން ބުނެގެން ނަރުހުން ބޭސްފުޅިއެއް ގެނައި ކަމަށާއި އެ ބޭސް އޭނާގެ ދަރިފުޅުގެ ކުރިމަތިފަރާތުގައި ހޭކުމުން ފިހުނު ކަމަށެވެ. ކުޑަ މީހާ "މޮޔަވެ" އަމިއްލަ ނަފުސަށް އަނިޔާ ކުރަން ފެށިކަމަށްވެސް އޭނާ ބުންޏެވެ. ކުޑަ ކުއްޖާގެ ކުރިމަތިފަރާތް ފިހުނީމަ، އިމަޖެންސީ ރޫމްގައި ހިދުމަތް ދިނުމަށް ތިބި ދެ ޑޮކްޓަރުން ނުކުމެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާ އެގޮތަށް ހިނގުމުން ހުޅުމާލެ ހޮސްޕިޓަލުން ބައްދަލުކުރި ކަމަށާއި އަދި އެކަމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް އެއްބަސްވި ކަމަށް ޖާދުﷲ ބުންޏެވެ.

"މިކަމާ ގުޅިގެން ހޮސްޕިޓަލްގެ ބޯޑާ ބައްދަލަކުރަން އެދުނިން. އަޅުގަނޑާ ބައްދަލުކުރީ ޑެޕިއުޓީ ސީއީއޯ މާރިޔާ. އިސްކޮށްހުރި ޑޮކްޓަރު، އަޅުގަނޑާ ވާހަކަދައްކަވަމުން މާރިޔާ ވަނީ އެބޭފުޅުންގެ އިހުމާލު މިކަމުގައި އޮތްކަމަށް ގަބޫލުކޮށްފައި. ޑޮކްޓަރުން އެމަޖެންސީ ދޫކޮށް ދިޔައީ އިހުމާލެއް އޮތުމުން ކަމަށް މާރިޔާ އެއްބަސްވި،" އޭނާ ބުންޏެވެ.

ކުއްޖާއަށް މިހާރު ފަރުވާދެނީ ޓްރީޓޮޕްގައި، ގުނަވަނުގެ ހިއްސު ކެނޑުން އެކަށީގެންވޭ

ޖާދުﷲ ބުނީ މިިހާރު ކުއްޖާގެ ހިތާނީ ފާރުގަނޑު ފަސޭހަވަމުން އަންނަ ކަމަށާއި މިވަގުތު ފަރުވާދެމުން އަންނަނީ ޓްރީޓޮޕްގައި ކަމަށެވެ. އަދި ހިނގައިދިޔަ ކަމުގެ ސަބަބުން ގުނަވަނުގެ ހިއްސު ކެނޑުމަކީވެސް އެށީގެންވާ ކަމެއް ކަމަށް ޓްރީޓޮޕުން ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ އޭނާ ބުންޏެވެ.

"އަޅުގަނޑު ކިހިނެއްތޯ ހަދާނީ، ވޫންޑް ރަނގަޅުވުމުން ނޫނީ ޓެސްޓެއް ހެދޭކަށްވެސް ނެތް،" ޖާދުﷲ ބުންޏެވެ.

ޖާދުﷲ އިތުރަށް ބުނީ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދުގެ އެދިލެއްވުމަކަށް މައްސަލަ ހިނގައިދިޔަގޮތް ބަޔާންކޮށް ދެ ސަފުހާގެ ސިޓީއެއް ހޮސްޕިޓަލާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ޖިނާއީ އަމަލެއް ހިނގައިފައިވާ ނަމަ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިދިނުމަަށް ވެސް ސިޓީގައި އެދިފައިވާނެ ކަމަށާއި އެކަމަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވުމުން ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.