ރާއްޖޭގެ ގައުމީ ރިސާޗް ކައުންސިލް އުފެއްދުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅައިފިއެވެ.
މި ކައުންސިލް އުފައްދަން ލާޒިމް ކޮށްފައި ވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލުގަ އެވެ.
އެ ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށް ވެގެން އަމަލް ކުރަންފަށާތާ 30 ދުވަހުގެ ތެރޭގައި ނެޝަނަލް ރިސާޗް ސެންޓަރުގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ ކައުންސިލެއް އެކުލަވާލަންޖެހޭ ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ގައުމީ ރިސާޗް ކައުންސިލްގެ މަސައްކަތް ތަކުގެ ތެރޭގައި ސައިންސާއި ރިސާޗްގެ އަލީގައި މަތީ ތައުލީމު ކުރި އެރުވުމުގެ ސްޓްރެޓަޖީ އެކުލަވާލުމާއި ރިސާޗް ތަރައްގީ ކުރުމުގައި އިސްކަންދޭ ތަރުތީބު ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ.
އަދި ރިސާޗްގެ ދާއިރައާގުޅޭ ކަންކަމުގައި ކަމާބެހޭ ފަރާތްތަކަށް ލަފަ އާއި މަޝްވަރާދިނުމާއި ރިސާޗް ދާއިރާގެ ފަންނީ ގާބިލްކަން އިތުރު ކޮށް މުޖުތަމައުއަށް ފައިދާހުރި ރިސާޗްތައް ހެދުމަށް އެހީތެރިވުމަށް ފަންނީ އަދި ފަންޑިން މެކެނިޒަމެއް ގާއިމްކޮށް ތަންފީޒު ކުރުން ވެސް ހިމެނެއެވެ.
އަދި ދައުލަތުގެ ރިސާޗް އިންސްޓްޓިިއުޓްގެ ރިސާޗް މަސައްކަތްތަކުގެ އެކްސްޓާނަލް އިވެލުއޭޝަންގެ މަސައްކަތް ރާވާ ހިންގުމަށްވެސް އެ ކައުންސިލަށް ވަނީ މަތިކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ކިޔަވާ ކުދިންނާއި ކިޔަވައިދޭ މީހުންނާއި ސައިންޓިސްޓުންނާއި ރިސާޗްކުރާ މީހުންގެ މުވައްސަސާތަކުގެ މަސައްކަތްތަކަށް އެހީތެރިވެ ނެޝަނަލް ރިސާޗް ޑޭޓާ ބޭސްއެއް ގާއިމްކުރުން ޖެހޭ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
މި ބިލު މަޖިލީހަށް ތައާރަފްކުރީ މިދިޔަ ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖީހުގެ މި އަހަރުގެ ފަހު ޖަލްސާގައެވެ.
އެހެންކަމުން ބިލު ގާނޫނަކަށް ހެދުމަށް އަދި ދިގު މުއްދަތެއް އެބަ އޮތެވެ. އެއީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ ދެ މަސް ފަހުގެ ޗުއްޓީއަށް ފަހުގައި ކަމަށްވާތީއެވެ.