ޔުނިވާސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް، ޔޫޑީއެޗްއާރު ގައި ހިމެނޭ ހުރިހާ ހައްގުތައް ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އިންސާނުންގެ ހައްގުތަކުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގަކާމެދު އެއްވެސް ތަނެއްގައި އިހުމާލު ވެއްޖެ ނަމަ ނުވަތަ އިންސާނީ ހައްގަކަށް އަރައިގަނެފި ނަމަ، އެއީ ހުރިހައި ތަނެއްގައިވެސް ހައްގަށް އަރައިގަތުން ފަދަ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކަކީ ކޮންމެ މީހަކަށްވެސް ލިބެން ޖެހޭ، ހައްގެއް ކަމަށެވެ. އަދި މި ހައްގުތަކަކީ އެ ހައްގުތަކުން އެއްވެސް މީހަކު މަހުރޫމް ކުރެވިގެން ނުވާނެ ހައްގުތަކެއް ކަމަށެވެ. އެއީ ދުނިޔޭގައި ހުރިހާ އެންމެންވެސް މިންކުރެވޭނީ އެއްފަންތިއެއްގެ ބައެއްގެ ގޮތުގައި ކަމަށް ވާތީ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހަކީ 1948 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޑިސެމްބަރު 10 އެއްގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހަކީ އދ ގެ ޖެނެރަލް އެސެމްބްލީން އިންސާނީ ހައްގުތަކާއި ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ފާސްކުރުމާއި ގުޅިގެން ފާހަގަ ކުރަން ފެށި ދުވަހެކެވެ.