އިބްރާހިމް ޒަކީ
މިއަހަރުގެ މިހާތަނަށް 90 މިލިޔަން ރުފިޔާއާ ގާތަށް މި ސަރުކާރުން ކުޅިވަރަށް ހަރަދު ކޮށްފައިވާ ކަމަށް މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ސައުތު އޭޝިއަން ގޭމްސްގެ ރަންމެޑަލް ހޯދި ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ލޯ މެޑަލް ހޯދި ޓީޓީ ޓީމަށް މަރުހަބާ ކިޔުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަމުން މަހުލޫފު ވިދާޅުވީ، އެއީ މީގެ ކުރިން ކުޅިވަރަށް ކުރަމުން އައި ހަރަދަށްވުރެ 200 ގުނަ އިތުރު އަދަދެއް ކަމަށެވެ.
މަހްލޫފު ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު، ރައީސުލްޖުމުހޫރިއްޔާގެ އެންމެ ބޮޑު ސިޔާސަތަކަށްވީ، ކުޅިވަރުގައި އޮންނަ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ކުރުން ނައްތާލުން ކަމަށެވެ.
މިއަދު ސާއިދުއަށްވެސް މުސާރައާއި އިނާޔަތްތައް ލިބޭ ވަރަކަށް ރަފާ އަށް ވެސް، ދީމާ އަދި އެހެން އެތުލީޓުންނަށް ވެސް ލިބޭނެ ކަމަށް މަހްލޫފު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އަންހެން އެތުލީޓުނަށް ލިބޭ ދެބައިކުޅަ އެއްބައި ނައްތާލައި އަންހެނުންނާއި ފިރިހެނުން ކުޅިވަރުގައި ހަމަކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން ބޮޑު ކުޅިވަރާއި ކުޑަ ކުޅިވަރުގެ ތަފާތު ނައްތާލާފައިވާ ކަމަށާއި ފުޓްބޯޅަ އާއި އެތުލެޓިކްސް އަދި ކެރަމަށް ވެސް ދޭ ފައިސާ މިހާރު ހަމަހަމަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ، ކުޅިވަރާމެދު މި ސަރުކާރުން ގެންގުޅެނީ ކޮންކަހަލަ ސިޔާސަތުތަކެއްކަން ހުރިހާ ކުޅިވަރު އެސޯސިއޭޝަން ތަކަށްވެސް މިހާރު އެނގޭނެ ކަމަށެވެ. އަދި ކުޅިވަރުގެ ޓްރެއިނިންގ މުބާރާތްތަކަށް ޝަކުވާ ކުރަން ނުޖެހޭ ވަރަށް މިނިސްޓްރީން ހަރަދުތައް ހަމަޖައްސއިދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކާމިޔާބީ އާއި ރީތިނަމާއި މެޑެލް ގައުމަށް ހޯދައި ދިނުމަށް ކުޅިވަރު ކުޅުންތެރިން ގނަ ވަގުތު ހޭދަކޮށް ބުރަ މަސައްކަތްތަކެއް ކޮށް ބޮޑެތި ގުރުބާނީތަކެއް ވާ ކަމަށެވެ. އެެހެންކަމުން އެ ފަދަ އެތުލީޓުންގެ އަގު ވަޒަންކޮށް ބޭރު ގައުމުތަކުންވެސް ދޭ ފަދަ އިނާޔަތްތައް އެ ފަރާތްތަކަށް ހަމަޖައްސައިދިނުމަކީ މުހިއްމުކަމެއް ކަމަށެވެ.
މިފަހަރުގެ މުބާރާތުން ކާމިޔާބު ހޯދި ފަރާތްތަކަށްވެސް ހިތްހަމަޖެހޭވަރުގެ ފައިސާގެ އިނާމް ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަހްލޫފު ވިދާޅުވީ ދިވެހި ކުޅުންތެރިން މިފަހަރު ހޯދި ކާމިޔާބަކީ ރާއްޖޭގެ ކުޅިވަރުގެ ހަޔާތުގައި ހޯދި އެންމެބޮޑު ކާމިޔާބު ކަމަށެވެ.